ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންނަށް ސްކޮލަރޝިޕް ހާސިލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ.
މިއަދު ހަވީރު ބޭއްވި މި ހަފްލާގައި މަތީ ސާނަވީ އިމްތިހާނުތަކުން ދިވެހި އަދި އިސްލާމް މި ދެ މާއްދާ ހިމެނޭހެން 5 މާއްދާއިން A* ހޯދައިގެން އެންމެ މަތީ ދަރަޖައިގައި ފާސްވި 4 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްއެވެ.
މި ދަރިވަރުން ބޭނުން ކޮންމެ ގައުމަކުން ބެޗްލަރސް ޑިގްރީ ލެވެލްގެ ކޮންމެ ކޯހެއް ފުރިހަމަކުރުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން އިނގިރޭސި ފާހެއް ހިމެނޭހެހެން، ދިވެހި އަދި އިސްލާމް ދެ މާއްދާ އާއިއެކު 5 މާއްދާއިން ދަށްވެގެން A ފާސް ހޯއްދެވި 46 ދަރިވަރުންނަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ދެއްވާ އެޗީވާރސް ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙީމް ހަސަންއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، މަތީ ތަޢުލީމު ހާސިލުކުުރމުގެ އެންމެ ބޮޑު ބޭނުމަކަށް ކަންކަން ރަނގަޅު އަދި މޮޅު ގޮތްތައް ހޯދުން ކަމަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙީމް ހަސަން ވިދާޅުވީ، ދަރިވަރުންގެ ތަޢުލީމީ ހަޔާތުގެ ހަރުފަތްތައް ގިރާކުރުމުގައި ހިތްވަރާއި، އަޒުމާއި، ކެރުންތެރިކަން އިސްކުރުން ވަރަށް މުހިންމު ކަމަށެވެ.
ސަރުކާރުން މި ސްކޮލަރޝިޕް ދެއްވުމުގެ މަޤްޞަދަކީ މަތީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުން، ކިޔެވުމަށް ބާރުއެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދިނުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
މިސްކޮލަރޝިޕްގެ ދަށުން ދިވެހި ސަރުކާރުން ކޯހާ ގުޅޭ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނެއެވެ. އެގޮތުން ކޯސް ފީ، ސްޓައިޕެންޑް، ދެކޮޅު ޓިކެޓް، އެސްޓެބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް ފަދަ ޚަރަދުތައް ހަމަޖެހިގެންދާނެއެވެ.
މިއީ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ރިޔާސީ ވަޢުދަކާ ގުޅިގެން މި ސްކޮލަރޝިޕް ހާސިލުކުރާ ދަރިވަރުންނަށް އޯއީސީޑީ ޤައުމުތަކުގައި ކިޔެވުމަށް ފުރުސަތު ދެވޭ ގޮތަށް ހަމަޖެހިގެންދާ ފުރަތަމަ ބެޗެވެ.