މާލޭގައި މިނީ ބަހުގެ ހިދުމަތް އަދިވެސް ފެށިފައިނުވަނީ ބަޖެޓު ނެތުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި އޮތް ރިޔާސީ ވައުދެކެވެ. މި މަސައްކަތް ނުފެށި ލަސްވާ ސަބަބު ހާމަކުރެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މިނިސްޓަރު ނަހުލާއާ ސުވާލު ކުރައްވާފަ އެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއަދާ ހަމައަށް އެކަން ނުވެފައި ވަނީ މިހާރު ލިބިފައި އޮތް ބަޖެޓުން އެ މަސައްކަތް ނުކުރެވޭނެތީ ކަމަށެވެ.
"ވަޒީރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަވާލުކުރާ މަސައްކަތްތައް ނިންމޭނީ، އަޅުގަނޑުމެންނަށް އެ މަސައްކަތަކަށް ބަޖެޓު ލިބިގެން ކަމުގައިވާތީވެ، އެކަމުގެ ބަޖެޓު އަދި މިހާތަނަށް ހަމަޖެހިފައި ނުވާތީ އެ މަސައްކަތް ލަސްވެގެންދަނީ" ނަހުލާ ވިދާޅުވިއެވެ.
މީގެ އިތުރުން ނަހުލާ ވިދާޅުވީ، މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށެމަށް ބޭނުންވާ ބެޖެޓް ހޯދުމަށް ހިލޭ އެހީ ހޯދުމަށް ވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަމުގައި އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް، 16 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އެވެ. ނަމަވެސް އެއީ އެ މަސައްކަތަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް ނަހުލާ ފާހަގަކުރެއްވި އެވެ.
"ޅުގަނޑު ގަބޫލުކުރާގޮތުގައި ލިބިފައިއިން ބަޖެޓުން ހަތަރު ބަސް ނޫނީ ފަސް ބަސް ގަނެގެނެއް އަޅުގަނޑުމެންނަކަށް މަސައްކަތެއް ނުފެއްޓޭނެ."، މި މަސައްކަތައް އެކަށީގެންވާ ބަޖެޓެއް ލިބުނުހާ އަވަހަކަށް މިނީ ބަހުގެ ހިދުމަތް ފަށާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ.