އަލީ ވަޙީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ފޮޓޯ: ރައީސް އޮފީސް

އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އަމުރުކޮށްފި

ޓްއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އެމިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވި ދައުވާ ވެސް އުފުލާފައިވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

މިދިޔަ މަހުގެ 28 ގައި  ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި،  ގާޒީ ހަސަން ސައީދު ވިދާޅުވީ، އަލީ ވަހީދު ޝަރީއަތަށް އެއްބާރުލުން ނުދީ ކޯޓަށް ހާޒިރުނުވެ އުޅުމަކީ އެކަމާ މެދު ފިޔަވަޅު ނާޅާ ދޫކޮށްލެވޭނެ ކަމެއް ނޫންކަން ފާހަގަކުރާކަމަށެވެ. އަދި މިކަމަކީ މުޖުތަމައުގެ މަސްލަހަތާއި ގާނޫނީ ވެރިކަން ނެގެހެއްޓުމަށްޓަކައި އަދި ޝަރުއީ ކޯޓުތަކުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ދެކޭކަމަށެވެ.

ފުލުހުން އިއްޔެ ބުނީ، އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެ އަމުރާއި ގުޅިގެން ފުލުހުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ބޭސްފަރުވާއަށް ދިޔުމަށް ހުއްދަދީ، އަލީ ވަހީދުގެ ޕާސްޕޯޓް ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކުރެއްވީ އޭނާގެ މައްޗަށް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޖާމިނުވުމުންނެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ.

އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދައުލަތުން ދިޔަ އެވެ. ނަމަވެސް، އެ ދެ ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލީ އަލީ ވަހީދަށް ޗިޓް ރައްދުނުވާ ކަމަށް ބުނެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ.

އޭރު އަލީ ވަހީދު އުޅޭނޫޅޭ ތަނެއް އެއްވެސް ކޯޓަކަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް، އޭގެ ފަހުން އަލީ ވަހީދު ވަނީ ކުރިމިނަލް ކޯޓާ މުއާމަލާތްތަކެއްކޮށް އޭނާ ދިރިއުޅޭ އެޑްރެހާއި ގުޅޭނެ ނަންބަރުތަކާއި އީމެއިލް ހިއްސާކޮށްފަ އެވެ.

އަލީ ވަހީދުގެ އެދުމަށް ކުރިމިނަލް ކޯޓުން ނިންމީ އޭނާ ރާއްޖެ ނުގެނެސް، ރާއްޖޭން ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށެވެ. މި އިންތިޒާމް ކުރިމިނަލް ކޯޓުގެ މީހަކަށް ހަމަޖައްސައިދިން މިއީ ފުރަތަމަ ފަހަރެވެ.

އެކަމަށް ދައުލަތުން އިއުތިރާޒުކުރި ނަމަވެސް، އިނގިރޭސި ވިލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުވެގެން ދެ އަޑުއެހުމެއްގައި ބައިވެރިވި އެވެ. އެހެންވެ، އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެއީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ. އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވުމަށް އީމެއިލް މެދުވެރިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވި އެވެ. އެ ޗިޓް އަލީ ވަހީދަށް ރައްދުވެފައިވީ ނަމަވެސް، ސުޕްރީމް ކޯޓާ އޭނާ އެއްވެސް މުއާމަލާތެއްކޮށްފައެއް ނުވެ އެވެ.

އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް މައްސަލައިގެ ޝަރީއަތަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް، ޝަރީއަތަށް އަލީ ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2 މަސް ދުވަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ ހުކުމް އިއްވާފައިވަނިކޮށް، ވިސާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ފުލުހުން ގޮސް އަލީ ވަހީދު ހައްޔަރުކުރިއެވެ. އެ ގައުމުގެ ޖަލެއްގައި 16 ދުވަހު އޭނާ ހޭދަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ