ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ޔާމީން މިނިވަންވުމުން އެނގެނީ، ޝަރުއީ ނިޒާމް މިނިވަންވަމުންދާކަން: ނަޝީދު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމުން އެނގިގެންދަނީ، ޝަރުއީ ނިޒާމް މިނިވަންވަމުން އަންނަ ތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އާސްކް ސްޕީކާ" ގެ ހަތަރުވަނަ އެޕިސޯޑުގައި ރޭ އާންމުމީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ވެރިކަމުން ބޭރުގައި ދިވެހި ރާއްޖޭގެ ކުރީގެ ރައީސެއްގެ މައްޗަށް އިއްވައިފައިވާ ހުކުމެއް އެންމެ މަތީ ކޯޓުން ބާތިލުކޮށް، އެ ރައީސަކު މިނިވަން ކުރުމަކީ ރާއްޖޭގެ ދެހާސް އަހަރަށް ވުރެ ދިގު ވެރިކަމުގެ ތާރިހުގައި ފުރަތަމަ ފަހަރަށް ވީ ކަމެއް ކަމަށެވެ.

"ގިނަ ފަހަރަށް ރާއްޖޭގެ ކުރީގެ ވެރިންނަށް ރާއްޖެއަށް ނާދެވޭ ގޮތްވެފައި ވަނީ، ނުވަތަ މަރާލެވިފައި ވަނީ، ނުވަތަ ހައްޔަރުގައި ނެތި ގޮސްފައިވަނީ، ވެރިކަމުގައި ހުރެ މަރު ނުވެއްޖަނަމަ. އަޅުގަނޑަކަށް ފެންނަ ގޮތުގައި ޝަރުއީ ނިޒާމް މިނިވަންވަމުން އަންނަތަން މި ފެންނަނީ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިއީ އެންމެން އެދޭ ގޮތަށް ކަން ނުވެދާނެ ކަމަށާއި ނަމަވެސް، ޝަރީއަތެއް ރަނގަޅަށް ކުރެވިގެން ގަޒިއްޔާއެއް ރަނގަޅަށް ނިއްމޭ ކަމީ، އެއީ މުޅި ދިވެހި ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑު ދެކެނީ ޝަރުއީ ނިޒާމް މިނިވަންވެ އިސްލާހްވެގެން އަންނަކަމީ ދިވެހިން އެކަމާއި އުފާވާނެ އަދި ދިވެހިން އެދޭގޮތް ކަމަށް" ނަޝީދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ފާހަގަކުރި ގޮތުގައި، އިސްލާމިކް ބޭންކްގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަން ޔަގީން ނުކުރެވޭ ކަމަށާއި، އެކަމާމެދު ބޮޑު ސުވާލެއް އުފެދޭ ކަމަށް ވިދާޅުވެފައި ވެއެވެ.

އެއީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި  ޗެކް ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަމްބަރު ދިމާނުވާތީކަމަށް ހުކުމްގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ