ރައީސް ޔާމީން މިއަދު ކޯޓަށް ގެންދިއުމަށް މާލެ ގެންނަނީ | ފޮޓޯ : މިހާރު

ރައީސް ޔާމީނަށް އަލުން ސެކިއުރިޓީ ދޭން ފަށައިފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާއި ގުޅިގެން، އެމްއެންޑީއެފުން އެމަނިކުފާނަށް އަލުން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމް ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަންކުރަން ހުކުމް ކުރީ އިއްޔެ އެވެ

ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ރައީސް ޔާމީނަސް މެދުކެނޑުނީ އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރި ހިސާބުން ފެށިގެންނެވެ.

އިއްޔެ ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު، އެމަނިކުފާނަށް ލިބެން ޖެހޭ ސެކިއުރިޓީ ސިފައިން ނުދިނުމުން އިދިކޮޅު ކޯލިޝަނުގެ އިސް މެންބަރުންނާއި، ޔާމީނުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ނަމަވެސް ރައީސް ޔާމީނަށް ސިފައިންގެ ސެކިއުރިޓީ މިއަދު އަލުން ދޭން ފަށައިފިކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުންޏެވެ. އެކަމަކު ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ޔާމީނަށް އަދިވެސް ނުލިބޭކަން އިދިކޮޅުން ފާހަގަކުރެއެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ރި ހުކުމުގައި އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި  ޗެކް ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަމްބަރު ދިމާނުވާތީވެ، ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ވަނީ ސުވާލު އުފައްދާފަ އެވެ.

މި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުމަށް ތަހުގީގެއް ހިންގައި އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނަމަ ދައުލަތަށް ނެގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ހުކުމުގައި ވެއެވެ. ނަމަވެސް އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާއެއް ހިމެނޭނެހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބޭ ކަމަށް ހުކުމްގައިވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ