އުނގޫފާރު ކައުންސިލުން ރައީސް އާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ މެންބަރުންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އުނގޫފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައި ަމޝްވަރާކުރައްވާފައިވާ ކަމަށެވެ.

"ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި އުނގޫފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ނެރު ބައްތި އެހެން ދިމާއަކަށް ބަދަލުކުރުމުގެ މުހިންމުކަމާއި، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ހުއްޓިފައިވާތީ އެކަން އަލުން ފަށާއިރު ގެންނަން ޖެހޭ ބައެއް ބަދަލުތަކުގެ ވާހަކައާއި، ހޮސްޕިޓަލް އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކުރަން ބޭނުންވާ ވާހަކައާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބޭނުންވާ ވާހަކަ ހިމެނޭ." ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެރަށު ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ވާހަކައާއި، ރަށުގެ ސީ އެމްބިއުލާންސް ހަލާކުވެފައި އޮތުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ވާހަކަވެސް އުނގޫފާރު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވައިފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އުނގޫފާރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް