ހުޅުދުއްފާރު ކައުންސިލުން ރައީސް ޞޯލިޙްއާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހުޅުދުއްފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

"ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ހުޅުދުއްފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށްގިރުމުގެ މައްސަލައާއި، ރަށުގައި ކުށްގިނަވަމުންދާތީ ފުލުހުންގެ ޚިދުމަތް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށުގައި ބޯޓުފަހަރާއި އޮޑިފަހަރު އެހެލޭނެ ވަކި ޚާއްޞަ ސަރަޙައްދެއް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި، ރަށުގައި އެކަށީގެންވާގޮތަށް ކުނި މެނޭޖްކުރެވޭނެގޮތެއް ނެތުމުން ދިމާވާ މައްސަލަތަށް ހިމެނޭ." ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތެއް ހޯދުމުގެ މުހިންމުކަމާއި، ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާކަމުގައި މެންބަރުން ފާހަގަކުރައްވާފައިވާ ކަމަށާއި، ރަށުގެ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ވާހަކައާއި، ރަށުގެ ހެލްތް ސެންޓަރަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތު ރައީސް ޞޯލިޙްއާއި ޙިއްޞާކުރައްވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހުޅުދުއްފާރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް