18 އަހަރަށްފަހު ޓޮރޭޒް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް ފެނާންޑޯ ޓޮރޭޒް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ޖަޕާނުގެ ސަގަން ޓޮސޫއަށް މިހާރު ކުޅެމުން އަންނަ ޓޮރޭޒް އެންމެ ވިދާލީ ލިވަޕޫލްގައި އުޅުނު ދުވަސްވަރުއެވެ. 2007 ވަނަ އަހަރު ލިވަޕޫލްއާއި ގުޅުނު ޓޮރޭޒް ކުޅުނު ފުރަތަމަ ސީޒަންގައި ލަވަޕޫލަށް 24 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. ލިވަޕޫލްގައި ގިނަ ރެކޯޑްތަކެއް މުގުރާލި ޓޮރޭޒަށް އެޓީމާއެކު ތައްޓެއް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ.

އޭގެ ފަހުން ލިވަޕޫލް ދޫކޮށް 50 މިލިއަން ޕައުންޑަށް ޗެލްސީއާއި ޓޮރޭޒް ގުޅުނު ނަމަވެސް ޗެލްސީގައި ޓޮރޭޒްގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެންނަމަވެސް ޗެލްސީއާއެކު ޓޮރޭޒް ޗެމްޕިއަންސް ލީގު. ޔޫރޮޕާ ލީގު އަދި އެފްއޭކަޕް ކާމިޔާބުކޮށްފައިވެއެވެ.

ފާނަންޑޯ ޓޮރޭޒް - ފޮޓޯ: ވޯލްޕޭޕަރނޭމް.ކޮމް

ޗެލްސީގައި އުޅުމަށްފަހު އޭސީ މިލާނަށް އަދި އެއަށްފަހު އެނބުރި އަނެއްކާ އެތުލެޓިކޯއަށް އައިސް އެތުލެޓިކޯއާއެކު ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓޮރޭޒް މިހާރުގެ ކްލަބް ސަގަން އަށް ސޮއިކުރީ މިިދިޔަ އަހަރު ޖުލައި މަހުއެވެ.

އުމުރުން 34 އަހަރުގެ ޓޮރޭޒް ސްޕެއިން އާއެކު 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާއިރު 2008 ވަނަ އަހަރުގެ ޔޫރޯއާއި 2012 ވަނަ އަހަރުގެ ޔޫރޯވެސްވަނީ ކާމިޔާބުކޮށްފައެވެ. އަދި ޔޫރޯގައި ކުޅުނު ދެފައިނަލްގައިވެސް ޓޮރޭޒްވަނީ ލަނޑުޖަހާފައެވެ. ޓޮރޭޒް ވަނީ ސްޕެއިން ގައުމީ ޓީމަށް 110 މެޗުން 38 އަށް ގޯލް ޖަހައިފައެވެ.

https://twitter.com/Torres/status/1141934249362124801

18 އަހަރުގެ ދިގު ކެރިއަރު ނިންމާލިކަން ޓޮރޭޒް އިޢުލާންކޮށްފައިވަނީ ޓްވިޓާ މެދުވެރިކޮށެވެ. ޓްވީޓާ މެދުވެރިކޮށް ސަޕޯޓަރުންނާއި ޙިއްސާކޮށްފައިވާ ވީޑިއޯގައި މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށްވެސް ޓޮރޭޒްވަނީ ބުނެފައެވެ.

އެތުލެޓިކޯގެ ޔޫތު ޓީމުން ކެރިއަރު ފެށި ޓޮރޭޒްއަކީ އެޓީމުގެ ތާރީޚުގައި ކެޕްޓަންކަން ކުރި އެންމެ ޒުވާން ކެޕްޓަނެވެ. އުމުރުން 19 އަހަރުގައި ޓޮރޭޒް އެތުލެޓިކޯގެ ބޭންޑް އަޅައިގެން ކުޅުނުއިރު، އެތުލެޓިކޯގެ މިހާރުގެ ކޯޗު ޑިއޭގޯ ސިމިއޯނީއަކީ އެ ޓީމަށް ކުޅެމުން އައި ކުޅުންތެރިޔެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް