ޑެންގޫ ކޮންޓްރޯލް ނުވެ، ފ. އަތޮޅު މަދަރުސާ ބަންދުކޮށްފި

ހަލުވިކަމާއެކު ފެތުރެމުންދާ ޑެންގޫ ހުން ކޮންޓްރޯލް ވެފައި ނުވާތީ، ފީއަލީގައި ހުންނަ ފ.އަތޮޅު މަދަރުސާ ބަންދު ކޮށްފިއެވެ.

ފީއަލީ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލް "ފެށުމަށް" ވިދާޅުވީ، ރަށުގެ ޞިއްޙީ ޚާލަތު ހުރިގޮތުން ކައުންސިލްގެ އެދުމުގެ މަތިން އެރަށުގައި ހުންނަ ފ އަތޮޅު މަދަރުސާ އެޑިއުކޭޝަން މިނިސްޓްރީން ބަންދު ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މަދަރުސާ ބަންދުކޮށްފައިވަނީ ހަފްތާއެއްގެ މުއްދަތަށް ކަމަށެވެ.

ފ.އަތޮޅު މަދަރުސާ ބަންދު ކޮށްފައި މިވަނީ ޑެންގޫއަށް ޕޮޒިޓިވްވި ހަ ކުއްޖަކު އެމްއެންޑީއެޕް ކޯސްޓްގާޑް ސީ އެންބިއުލަންސްގައި ރޭ އިރާކޮޅު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދޭން ފަށާފައިވަނިކޮށެވެ. މާލެ ގެނައި ކުދިންގެ ތެރެއިން ދެ ކުއްޖެއްގެ ހާލު ސީރިއަސް ކަމަށާއި، އެއް ކުއްޖަކު ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ފީއަލީގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލް ވިދާޅުވީ، މިއަދު ޑެންގޫއަށް އެއް ކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި، ނަމަވެސް އެ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް އަދި އެ ކުއްޖާއަށް އެރަށ ޞިއްޙީމަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފީއަލީގައި ހުމާއި، ރޯގާ ފެތުރެން ފަށާފައިވަނީ މީހގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި، ޑެންގޫ ފެތުރެން ފެށި ފަހުން ހަފްތާއެއް ވެދާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ފީއަލީގައި ވައިރަލް ހުމާއި ހޮޑުލުމުގެ ރޯގާ އަދިވެސް ފެތުރެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެރަށުގެ ޞިއްޙީ ހާލަތު މިހާ ގޯސްވެފައިވާއިރު، ބޭސް ލިބުމުގައި ދަތިތަކެއް ދިމާވި ކަމަށާއި، އިއްޔެ މެންދުރު ބޭސް ހުސްވިއިރު، ބޭސް ލިބުނީ އިރު އޮއްސެން އުޅެނިކޮށް ކަމަށްވެސް ފީއަލީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފީއައްޔަށް ދިމާވެފައިވާ މި ދަތި ދުވަސްތަކުގައި ސަރުކާރުގެ ވުޒާރާތަކުން ރަށުގެ ކަންކަމުގައި ބަހައްޓަވާ ގާތްކަން ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލް ފާހަގަ ކުރެއްވިއެވެ. ވަކިން ހާއްޞަކޮށް އެމްއެންޑީއެފް އަދި ރައީސް އޮފީހުން ރަށުގެ ކަންކަން ގާތުން ބައްލަވަމުންދާކަން ފާހަގަކޮށް އެފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

1242 މީހުންގެ އަބާދީއެއް އޮންނަ ފ. ފީއަލީގައި ހުންނަ ފ.އަތޮޅު މަދަރުސާގައި 200 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ