މުއިއްޒު ބައްލަވައިގެން ފްލެޓުތަކުގެ މައްސަލާގައި އޭސީސީން އެޗްޑީސީއަށް ވަދެއްޖެ

ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލެއިން ރޯހައުސްތަކެއް ގަތް މައްސަލާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވަދެއްޖެއެވެ.

އަދި މިކަމާއި ގުޅޭގޮތުން މި ދެ އިދާރާއިންވެސް މީޑިއާގައި ވާހަކަދައްކާފައިނުވިނަމަވެސް، ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އޭސީސީން އެޗްޑީސީއަށް މިދިޔަ އަންގާރަ ދުވަހުވަދެ، އޭސީސީން ބަލަމުންދާ މައްސަލަތަކާއި ގުޅުންހުރި ލިޔެކިއުންތައް އެޗްޑީސީން ގެންދިޔަކަމަށް ފާހަގަކޮށްފައިވެއެވެ.

ކުރީގެ ސަރުކާރުގެ އިސްވެރިންނަށް ކަރޮޕްޝަންގެ ބޮޑެތި ތުޙުމަތުތަކެއްވަނީ ކޮށްފައެވެ. އަދި ތުޙުމަތު ކުރެވޭ ގިނަ މައްސަލަތައް މިހާރު އަންނަނީ ތަޙުޤީގުކުރަމުންނެވެ.

މިނިސްޓަރު މުޢިއްޒު ހުޅުމާލެއިން ރޯހައުސެއް ބައްލަވައިގެން ކަމުގެ އަޑުތަކެއް މީޑިއާގައި ފުރަތަމަ ފެތުރިގެން ދިޔައީ 2017 ވަނަ އަހަރުއެވެ. މީޑިއާތަކުގައި އޭރު ރިޕޯޓު ކޮށްފައިވާ ގޮތުގައި މުއިއްޒު ބައްލަވައިގަތީ 3،388 އަކަފޫޓްގެ ރޯ ހައުސްއެކެވެ.

އަދި އެމުޢާމަލާތް ސައްޙަ ކަމަށް ހުޅުމާލެ ސިވިލް ކޯޓު ޑިވިޝަނުން އޭރު ވަނީ ނިންމާފައެވެ. މުއިއްޒު ބައްލަވައިގެންފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި ތަރައްޤީކުރި ރޯހައުސް ތަކުގެ ތެރެއިން ރޯހައުސްކަމަށް އޭރު ރިޕޯޓްކުރެވުނު އެ ރޯހައުސްގެ އަގު 5.9 މިލިއަން ރުފިޔާއަށް އަރާނެކަމަށްވެސް މީޑިއާތަކުގައިވެއެވެ.  

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް