ފޮޓޯ: މޯލްޑިވްސް ޓުޑޭ

ޝަަރީއަތް ލައިވްކުރަން ޔާމިން އެދިވަޑައިގަތް ނަމަވެސް، ނައީމް ކުރީ އިންކާރު

ވ. އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ލައިވްކުރަން އެމަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ. ނަމަވެސް އެ މައްސަލައިގައި ދެން ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ.

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ދައުވާ އުފުލައިފައި ވަނީ ނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި  ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ގަބޫލުކުރުމާއި، އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ އެވެ. ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

މިއަދު ހެނދުނު އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި ދެވަނަ އަޑުއެހުމުގައި، ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ޝަރީއަތް ލައިވްކުރުމަށް އެދިވަޑައިގެންފަ އެވެ. ޔާމީންގެ ކުރީގެ ޝަރީއަތްތައްވެސް ބާއްވައިފައި ވަނީ ލައިވްކޮށް ކަމަށް ޖަމީލް ފާހަގަކުރި އެވެ.

ދައުލަތުން ވެސް އެ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިޔުމަށް އިއުތިރާޒެއް ނެތް ކަމަށް ދައުލަތުގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

ނަމަވެސް ޔޫސުފް ނައީމްގެ ފަރާތުން އޭނާގެ ވަކީލު މުހައްމަދު ޝިފާޒު ވަނީ އޭނާގެ ބައި ލައިވްކޮށް ކުރިއަށްގެންދަނ އިންކާރުކޮށް، ރައީސް ޔާމީންގެ ބައި ލައިވްކޮށްގެން ކުރިއަށް ގެންދިޔަޔަސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ. އެހެންކަމުން  އެކަމަށް ޝަރީއަތުން ގޮތެއް ނިންމާނެ ކަމަށް އިސް ގާޒީ ޝަކީލް މިއަދު އިއުލާންކުރެއްވި އެވެ.

އެއަށްފަހު  ދިފާއީ ވަކީލް ޑރ. ޖަމީލް ވަނީ މިއަދު ދައުވާ އިއްވުމުގެ ބަދަލުގައި ލައިވް ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށްފަހު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން ގާޒީ ނިންމީ ދައުވާ އިއްވައި ދައުވާއަށް ޖަވާބުދާރީ ވާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ