ރާއްޖޭން އިތުރުން 954 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރި 7،273 ސާމްޕަލްގެ ނަތީޖާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އިން މިއަދުގެ އެވަގުތާއި ހަމައަށް އަތޮޅު ތެރެއިންނާއި މާލެ ސަރަހައްދުން ޕޮޒިޓިވްވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 514 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅު ތެރޭގެ ރަށްތަކުން 326 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓުތަކުން ވަނީ 36 ޕޮޒިޓިވް ކޭސް ފެނިފައެވެ.
ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ.
މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 4،877 އަށް އަރައިފަ އެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 102،372 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 23 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 265 މީހެކެވެ.