ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގެ ޖިނާއީ ތަހުޤީގު ހިންގައިދިނުމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެ އެވެ.
މިދިޔަ އަހަރު ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް އަލިފާނުގެ ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ. އެގޮތުން މިދިޔަ އަހަރު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިން ފަހަރެއްގެ މަތިން އަލިފާނުގެ ހާދިސާ ހިނގިއެވެ.
މި އަލިފާނުގެ ހާދިސާތަކާ ގުޅިގެން، އޮމްބަޑްސްޕާސަންގެ އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މި އޮފީހުން އަމިއްލައަށް އިސްނަގައިގެން އެ ކަން ތަޙުޤީޤުކޮށް ބަލާފައިވާނެ ކަމަށެވެ.
ތަހުޤީގުން ފާހަގަކުރެވުނު ކަންތައްތައް:
- ކުޑަކުދިން ބައިތިއްބާ އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީތަކުގައި، އަލިފާނުގެ ހާދިސާއިން ކުދިންނާއި މުވައްޒަފުން އަދި ތަން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހުރުން ޤާނޫނުތަކާއި ގަވާއިދުތަކުން ލާޒިމްކުރި ނަމަވެސް، ކުޑަކުދިންގެ ހިޔާގައި ބޭނުންކުރެވޭ ގޮތަށް ހުރި އެފަދަ އެއްވެސް ވަޞީލަތެއް ނެތުން
- ކުޑަކުދިންގެ ހިޔާއަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް 2021 މޭ 04 ވަނަ ދުވަހު އަންގާފައިވާކަމާއި، ނަމަވެސް، މި އެންގުމަށް ސަމާލުކަންނުދީ، އަލިފާނުން ރައްކާތެރިކުރުމަށް ބޭނުންވާނެ ސާމާނު ހޯދުމެއް ނެތި، ކުޑަކުދިންގެ ހިޔާގައި ކުޑަކުދިން ބޭތިއްބުން ކުރިއަށް ގެންގޮސްފައިވުން
- ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގަމުން ގޮސްފައިވާއިރުވެސް، އަލިފާނުގެ ހާދިސާތަކުން ކުދިންނާއި، މުވައްޒަފުން އަދި ތަން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހޯދާފައި ނުވުން
- އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި، އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީތަކުގެ ސޭފްޓީ މިންގަނޑާއި، އިމަރޖެންސީގެ ހާލަތުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލުތައް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލަން ޖެހޭކަމަށް އެގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، މިފަދަ އެއްވެސް އުޞޫލެއް އެކުލަވާލައި އާންމުކޮށް ތަންފީޒުކޮށްފައިނުވުން
ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގަމުން ގޮސްފައިވީ ނަމަވެސް، އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި، ތަން ރައްކާތެރިކުރުމަށް ބޭނުންވާނެ ފިޔަވަޅުތައް އެޅުމެއްނެތި، އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީއެއް ހިންގަމުން ދިޔުމަކީ،ޤާނޫނު ނަންބަރު 2019/19( ކުޑަ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު( ގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށްކަމަށް މޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ބުނެފަ އެވެ.
އެހެންކަމުން މި ޢަމަލަކީ ކުޑަ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން ކަށަވަރުކޮށްދީފައިވާ، ދިރިހުރުމުގެ ޙައްޤާއި، ކުދިންގެ މަޞްލަޙަތަށް އިސްކަންދީ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ޙައްޤާއި، ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަން ލިބުމުގެ ޙައްޤަށް އުނިކަން އަންނާނެ ފަދަ ޢަމަލަކަށްވާތީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މަރުކަޒުގެ މަސްއޫލު މަޤާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީކުރުވޭނެހެން ޖިނާއީ ތަޙުޤީޤެއް ހިންގައިދިނުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ.
އެ ހާދިސާތަކާ ގުޅިގެން، އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން، އޮމްބަޑްސްޕާސަންގެ އޮފީހުގެ ފަރާތުން، ޖެންޑާ މިނިސްޓްރީއަށް ނުވަ އިރުޝާދާއި ލަފާ ދީފައިވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ އަދާކުރުމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ މަސްއޫލު މަގާމުތަކުގައި ތިބޭ މުވައްޒަފުން، ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، އަދާނުކުރާ ނަމަ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެ އޮފީހަށް ގާނޫނީ ގޮތުން ލިބިދީފައިވާ ދާއިރާގެ ތެރޭގައި ތަންދޭ އެންމެ ފުޅާ މިނެއްގައި އަޅަމުން ގެންދާނެ ކަމަށެވެ.