މާފުށި ޖަލު - ފޮޓޯ: އަވަސް

އެއްވެސް ގައިދީއެއްގެ ބޯ ނުބާލަން - ކަރެކްޝަންސް

މާފުށީ ޖަލުގައި އިއްޔެ ހަވީރު ހިނގި ހަމަނުޖެހުންތަކުގައި އެއްވެސް ގައިދީއެއްގެ ބޯ ނުބާލާ ކަަމަށް މޯލްޑްވިސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.

މާފުށީގައި އިއްޔެ ގައިދީންނާއި އޮފިސަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގައިދީންގެ ބޯ ބާލައިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް ކަރެޝަންސްގެ މީޑީއާ އޮފިޝަލް އަހްމަދު ނަސީމްވަނީ އެކަން ދޮގުކުރައްވާފައެވެ.

އިއްޔެ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބުނެ، މިހާރުވެސް ގައިދީންދަނީ މާފުށީ ޖަލުގައި އިހުތިޖާޖު ކުރަމުންނެވެ.

މިއަދުވެސް މާފުށީ ޖަލގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް މަޢުލޫމާތު ލިބެމުންދާއިރު، މީސްމީޑިއާގައި މިވަގުތު ދައުރުވަމުންދާ ވީޑިއޯ އަކުން އަޑު އިވޭ ގޮތުގައި، ޖަލުގައި އިހުތިޖާޖު ކުރަމުންދާ ގައިދީންކަމަށް ބެލެވޭ ބަޔަކުދަނީ އިއްޔެ ހިނގި ހަމަނުޖެހުން ތަކުގައި ޒަހަމްވި ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެދި ގޮވަމުންނެވެ.

މިހާރު އެއްވެސް ހަމަނުޖެހުމެއް ނެތްކަމަށް ނަސީމް ވިދާޅުވިއިރު، ގައިދީންނާ ގުޅިގެން ދެކެވެމުންދާ ވާހަކަތައްވެސްވަނީ ދޮގު ކުރައްވާފައެވެ.

އިއްޔެ ޖަލުގައި ހަމަނުޖެހުން ހިނގައި ޖަލު ބަލަހައްޓާ އޮފިސަރުންނަށާއި ބައެއް ގައިދީންނަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. “ފެށުމަށް” އިނގިފައިވާ ގޮތުގައި އިއްޔެގެ ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ގައިދީއަކު ޖަލުބަލަހައްޓާ އޮފިސަރަކަށް ހަމަލާ ދިނުމުންނެވެ. އަދި މިހަމަނުޖެހުންތަކުގައި ކަރެކްޝަންސްގެ އޮފިސަރަކަށް އަނިޔާވެ، މާލެ ގެނެސް ވަނީ ފަރުވާ ދީފައި ވެއެވެ.

ހޯމް މިނިސްޓްރީން މިމައްސަލައިގައި ބުނެފައިވަނީ، ޖަލުގައި ހިނގި ހަމަނުޖެހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް