ކޯލިޝަން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޗެއަރޕާސަންއާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ ރައީސުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
މާލެއާއި އަތޮޅު ތެރޭގައި ކުރިއަށްދާ މިއިންތިޚާބުގެ ވޯޓުލުން ފެށީ ހެނދުނު 9 ޖެހިއިރުއެވެ. އަދި ހަވީރު 4 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ދެ ފެކްޝަނަކުން ވާދަކުރެއެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރާ ރައީސް ޞޯލިޙްގެ ފެކްޝަނާއި ކުރީގެ ރައީސް ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑުވެ ބަހުގެ ހޫނު ހަމަލާތައް ވެސް ވަނީ އަމާޒުކޮށްފައެވެ.
މި އިންތިޚާބުގައި ޗެއަރޕާސަން ހޮވުމަށް 94،211 މީހުން، އަންހެނުންގެ ރޫހުގެ ރައީސް އިންތިޚާބު ކުރުމަށް 41،027 މެމްބަރުން އަދި ޒުވާނުންގެ ހިތްވަރަށް މީހަކު ހޮވުމަށް 32،057 މެމްބަރުންނަށް ވޯޓުލެވޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.
މި އިންތިޚާބުގެ ވޯޓުލުންނިމި ފޮށި ބަންދުކުރާތާ 15 މިނެޓް ފަހުން ވޯޓް ގުނަން ފަށަން ހަމަޖެހިފައިވާއިރު ވޯޓްލުން ކުރިއަށްދާއިރު ކެމްޕެއިންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ހިންގުން އެމްޑީޕީން ވަނީ މަނާކޮށްފައެވެ.