އެމްޑީޕީގެ އެކްޓިވިސްޓް މުޖުތަބާއާ ހަވާލާދީ ސީއެންއެމްގައި ލިޔެފައި އޮތީ ދޮގު ޚަބަރެއް: ޕީޕީއެމް ނިލަންދޫ

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު މުޖުތަބާ (ފެސްކޯ)އާއި ހަވާލާދީ އޮންލައިން ނޫސް ސީއެންއެމްގައި ލިޔެފައިވާ ޚަބަރު އިދިކޮޅު ޕީޕީއެމްގެ ނިލަންދޫ ސްޓިއަރިންގ ކޮމިޓީން ދޮގުކޮށްފިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓް މުޖުތަބއާއި ހަވާލާދީ ސީއެންއެމްގައި ބުނެފައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިޔާ އައުޓް" ހަރަކާތަށް ނިލަންދޫ ރައްޔިތުން ތާއިދު ނުކުރާ ކަމަށާއި އެރަށު މީހުން އެހަރަކާތާއި "ސީދާ ދެކޮޅު" ކަމަށެވެ. އެގޮތުން ކުރިން އެރަށަކީ ސަތޭކަ ޕަސެންޓް ޕީޕީއެމްއަށް ތާއިދުކުރާ ބަޔަކު އުޅޭ ރަށެއް ނަމަވެސް މިހާރު އެ ތާއީދު ނެތް ކަމަށެވެ.

މީގެ އިތުރުން ނިލަންދޫ އޮތީ އިންޑިޔާ އައުޓް ކެމްޕެއިނާ އެއްކޮޅަށް ކަމަށް ބުނެ އެރަށުގެ ހައެއްކަ މީހުން ނުކުމެ އަޑު އުފުލުމަކީ ނިލަންދޫގެ ރައްޔިތުންގެ އަޑު އިއްވުން ނޫން ކަމަށާއި އެ ހަރަކާތައް ނިލަންދޫގެ އެއްވެސް ބައެއްގެ ތާއީދު ނެތްކަން މިހާރު ހާމަވެފައިވާ ކަމަށެވެ. އެގޮތުން އެކަމުގައި އަޑު އުފުލުމަށް ފުރަތަމަ ދުވަހު 10 މީހުން އަދި ދެވަނަ ދުވަހު ނުކުތީ 6 މީހުން ކަމަށެވެ.

މިކަން ދޮގުކޮށް އިދިކޮޅު ޕީޕީއެމްގެ ނިލަންދޫގެ ސްޓިއަރިންގ ކޮމިޓީން ބުނީ އެ ބަޔަކު ތާއިދުކުރާ ފިކުރުގެ މީހުން ހިތް އުފާކޮށްދިނުމަށް ވިޔަސް ފިކުރު މޮޅު ކުރަން ވިޔަސް މީޑިއާތަކަށް ދޭންވާނީ ތެދު މައުލޫމާތު ކަމަށާއި އެމްޑީޕީގެ އެކްޓިވިސްޓަކާއި ހަވާލާދީ އެމްޑީޕީއަށް ތާއިދުކުރާ އެރަށަށް ނިސްބަތްވާ ނޫސްވެރިއަކު ލައްވާ ސީއެންއެމްގައި ލިޔެފައިވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

ޕީޕީއެމްގެ ނިލަންދޫ ސްޓިއަރިންގ ކޮމިޓީން ބުނީ އެރަށުގައި ބޭއްވި ހަރަކާތަކީ މީހުން އެއްކޮށްގެން ކުރިއަށްދިޔަ މުޒާހަރާއެއް ނޫން ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަށް އެރަށު ރައްޔިތުން ފުރިހަމައަށް ތާއިދު ކުރާކަން ހާމަކޮށް ދިނުމަށް އިންޑިއާ އައުޓް ޖަހާފައިވާ ދިދަތައް ރަށުގެ ބައެއް ސަރަހައްދުތަކުން ދައްކާލުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

ނިލަންދޫ ސްޓިއަރިންގ ކޮމިޓީން ބުނީ އެމްޑީޕީގެ އެކްޓިވިސްޓަކާއި ހަވާލާދީ އެމްޑީޕީއަށް ތާއިދުކުރާ ނޫސްވެރިއަކު ލައްވާ އެމްޑީޕީ ޕްރޮމޯޓްކުރާ މީޑިއާއަކުން ދޮގު ޚަބަރެއް ލިޔުނަސް ހަގީގަތް އޮޅުވައި ނުލެވޭނެ ކަމަށާއި އެރަށު ސުޕަރ މެޖޯރިޓީ މީހުން އަދިވެސް ތާއިދުކުރަނީ ޕީޕީއެމް ކަމަށެވެ. އަދ އެރަށު މީހުންނަކީ އަޅުވެތިކަމަށް ނޫނެކޭ ބުނެ މިނިވަން ކަމަށް ލޯބިކުރާ ބައެއް ކަމަށެވެ.

ދުވަހު ނޫސް ސީއެންއެމްގައި ލިޔެފައިވާ ޚަބަރު ޕީޕީއެމްގެ ނިލަންދޫ ސްޓިއަރިންގ ކޮމިޓީން ދޮގު ކުރިއިރު، އެ ޚަބަރުގައި ހަވަލާދީފައިވާ މުޖުތަބާ އަކީ އެމްޑީޕީގެ ނިލަންދޫ ދާއިރާގެ ރައީސްއެވެ. އަދި ސީއެންއެމްގައި ޚަބަރު ރިޕޯޓްކޮށްފައިވާ ރިޟްވާން މޫސާއަކީ އެމްޑީޕީއަށް ތާއިދުކުރާ ނިލަންދޫއަށް ނިސްބަތްވާ ނޫސްވެރިއަކަށްވީއިރު ސީއެންއެމްއަކީ އެމްޑީޕީ ޕްރޮމޯޓްކުރާ ނޫހެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ