ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދީ ގާނޫނާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި

މަސްތުވާތަކެތީގެ ދައުވާތަކެއް އުފުލާފައިވާ ރާއްޖޭގެ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވަނީ މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދީ ގާނޫނާއި ޚިލާފަށް ކަމަށާއި ފުލުހުންނަށް އެ ބާރު ލިބިފައިނުވާ ކަމަށް އަދި ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދި ގޮތް ނޭންގޭކަން ފާހަގަ ކޮށްފައެވެ.

ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ސިޓީއަކުން އެދިގެން ކަމަށް ފުލުހުން ބުނިނަމަވެސް ބޭންކްތަކުން އާންމު ބޭންކް ސްޓޭޓްމަންޓްތައް ދޫކުރަނީ ބޭންކް ސިޓީއަކާ އެކުއެވެ. އެކަމަކު އެފަދަ ސިޓީއެއް އޮތްކަން ނޭންގޭ ކަމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.

ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ގާނޫނުން ފުލުހުންނަށް ލިބިދިން ނަމަވެސް ބޭންކް ސްޓޭޓްމަންޓްތަކާއި އެކައުންޓްތަކުން ކޮށްފައިވާ މުއާމަލާތްތައް ނުބެލޭނެއެވެ. އެހެންވެ ކްރިމިނަލް ކޯޓުންވަނީ ޕެސްޓާ ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްތައް ބަލައިނުގަތުމަށް ނިންމާފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އިތުރު ބަޔަކާއެކު ޕެސްޓް ހައްޔަރުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ދައުލަތުން ޕެސްޓްގެ މައްޗަށް ވަނީ މަސްތުވާތަކެއްޗާއި ގުޅޭ ވަރަށް ގިނަ ދައުވާތަކެއް އުފުލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ