ޑރ.އަފްރާޝީމް ޢަލީ ޝަހީދުކޮށްލުމުގެ ފައިދާ ސިޔާސީ ގޮތުން ހޯދި މީހުން ފަލީހަތްވާނެ: ސާމިޔާ ޒަކަރިޔާ

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ ޝަހީދުކޮށްލުމުގެ ފައިދާ ސިޔާސީ ގޮތުން ހޯދި މީހުން މިހާރު ފޮރުވިފައި ތިއްބަސް މަހުޝަރުގެ މައިދާނުގައި އެމީހުން ފަލީހަތްވާނެ ކަމަށް ދީނީ ޢިލްމުވެރިޔާ އަލްއުސްތާޒާ ސާމިޔާ ޒަކަރިޔާ ވިދާޅުވެއްޖެއެވެ.

ސާމިޔާ މިފަދައިން ވިދާޅުވެފައި މިވަނީ ޝަހީދު ޑރ.އަފްރާޝީމް ޢަލީ ގަތުލުކުރުމުގެ ވާހަކަ ދައްކައިގެން ސިޔާސީ ގޮތުން މަންފާހޯދި ބައެއް ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ މަޝްރަހުގައި މާވަރުގަދައަށް ހަރަކާތްތެރިވެ އެކި ކަހަލަ ވާހަކަ ދައްކަން ފެށުމުން ކަމަށް ބެލެވެއެވެ.

ޑރ. އަފްރާޝީމުގެ މަރާއިގުޅޭ މަޢުލޫމާތު ހާމަކުރާނީ ރަގަޅު ތަނުގައި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުއްالله ރިޔާޒު ވިދާޅުވެފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުން ސާމިޔާ ވިދާޅުވީ ޑރ. އަފްރާޝީމް ޝަހީދުކޮށްލި މީހުން މަޙްޝަރުގައި ފަލީޙަތް ވާނެކަމަށެވެ.

މީގެ އިތުރުން ޑރ. އަފްރާޝީމުގެ މަރާ ބެހޭގޮތުން ޢަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުއްالله ވެސް ވަނީ ޑރ. އަފްރާޝީމްގެ ޤާތިލުންނަކީ ކޮންބައެއްކަން ރައީސް ޔާމީނަށް އެނގިލައްވާނެ ކަމަށް ވިދާޅުވެ އެކަމުގެ ހެކި ކަމަށް ވިދާޅުވެ މޭޑޭ މުޒާހަރާގައި ފޮޓޯކޮޕީތަކެއް ދައްކާ ދޮގު ހައްދަވާފައެވެ.

ސާމިޔާ ވިދާޅުވީ ޑރ. އަފްރާޝީމް ޝަހީދުކޮށްލި ގޮތް އެނގޭ ކަމަށް ބުނެ ދޮގުހެދި މީހުނާއި އެކަން ހިނގާދިޔަ ގޮތް އެނގުމުންވެސް ހެކި ފޮރުވި މީހުނާއި އަމިއްލަ އެދުމަށްޓަކައި އަފްރާޝީމް ޝަހީދުކޮށްލުމުގެ ފައިދާނެގި މީހުނާއި އެކަމުގައި ޝާމިލްވާ އެންމެނަށް ޙައްޤު އަދަބުލިބި ފަލީޙަތް ކުރައްވާނެ ކަމަށް އުސްތާޒާ ވިދާޅުވިއެވެ.

އުސްތާޒާ ސާމިޔާ މިފަދަ މޭރުމަކުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދެއްކެވިއިރު އެމްޑީޕީން ލީޑު ކުރާ ކޯލިޝަން ސަރުކާރު ވެރިކަމަަށް އައުމުގައި ބޭނުންކުރި ހަތިޔާރަކަށް ޝަހީދު ޑރ.އަފްރާޝީމް ގަތުލުކުރުމުގެ ވާހަކަތައް އެކި ގޮތް ގޮތަށް ދައްކައިގެން ސިޔާސީ ފައިދާ ނަގާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މިހާރުގެ ވެރިން ޑރ.އަފްރާޝީމް ގަތުލުކުރުމާއި ރައީސް ޔާމީންއާއި ގުޅުވާ ގިނަ ވާހަކަތަކެއްވަނީ ދައްކާފައެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް އެކަން ސާބިތުކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރިނަމަވެސް އެކަން ސާބިތުވެފައެއް ނުވެއެވެ.

އެމްޑީޕީން ވެރިކަން ހޯދުމަށް ދުރާލާ ރާވައިގެން ޝަހީދު ޑރ.އަފްރާޝީމް ގަތުލުކުރުމާއި ރައީސް ޔާމީންއާއި ގުޅުވާ އަފްރާޝީމްގެ އާއިލާގެ މެމްބަރުން މެދުވެރިކޮށް ދޮގު ވާހަކަތަކެއްވަނީ ފަތުރާފައެވެ. އެގޮތުން އެވާހަކަ ފެތުރި މީހުނަށް އިނާމެއްގެ ގޮތުން ޑިރެކްޓަރ ޖެނެރަލް ފެންވަރުގެ މަތީ މަގާމްތައް ވަނީ ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޝަހީދުކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރު އެމަނިކުފާނު ދިރިއުޅުއްވި ހ.ފުންވިލު ގޭ ސިޑިމަތީގައެވެ. އެގޮތުން އެމަނިކުފާނުގެ މަރު ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ސިޔާސީ މަންފާ ހޯދި ނަމަވެސް އަދިވެސް ޤާތިލުން ހޯދާ ޙައްޤު އަދަބު ދީފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
712
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން