ގާޒީ ޗުއްޓީގައި ހުރުމުން ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ވެއްޖެ

ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދަށް ތާވަލްކުރި ހެކިބަސް ނެގުމުގެ ޝަރީއަތް ކެންސަލްވެފައި ވަނީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީއަށް ވަޑައިގަތުމުންނެވެ. އެނގިފައިވާ ގޮތުން ގާޒީ ވަނީ އަންނަ މަހުގެ ހަވަނަ ދުވަހާއި ހަމައަށް ޗުއްޓީއެއް ނަންގަވާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން، އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދެ ފަރާތެއްގެ ހެކިބަސް ނެގުމަށްޓަކައި މިއަދު ހެނދުނު 9:30 ގައި އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފައި ކަމަށެވެ.

މިއަދަށް ތާވަލްކޮށްފައި އޮތީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ.

މީގެ ކުރިންވެސް އެ ދެ މީހުންގެ ހެކިބަސް ނެގުމަށް ތާވަލްކުރި ނަމަވެސް އެ ދެ މީހުންގެ ހެކިބަސް ވަކިން ނަގަން އޮތުމުން ދިފާއުގެ އެދުމަށް ދެ މީހުންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ޝަރީއަތުން ނިންމެވިއެވެ.

ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ އިތުރުން ވ. ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން