ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފުޓްސަލް ދަނޑުތައް ކުއްޔަށް ދޫކޮށްގެން ސަރުކާރަށް އާންމުދަނީ އިތުރުކުރަން ނިންމާ ދަނޑުތައް ކުއްޔަށް ދޫކުރާނެ އަގުތައް އިއުލާންކޮށްފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ކޮށްފައިވާ ފުޓްސަލް ދަނޑުތައް ކުރިން އަގަކާއި ނުލާ ހިލޭ ދޫކުރި ނަމަވެސް މި ސަރުކާރުން މިހާރުވެސް ބައެއް ދަނޑުތައް ދޫކުރަމުންދަނީ އަގު ނަގައިގެންނެވެ.
ހުޅުމާލޭގައި އޮންނަ ހަތަރު ދަނޑެއް ކުއްޔަށް ދޫކުރަން ވަނީ ނިންމާފައެވެ. އެގޮތުން ރެހެންދި ސްކޫލް ކައިރީގައި އޮންނަ ދެ ދަނޑާއި ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި އޮންނަ ދަނޑާއި ރެއިން ފޮރެސްޓް ރެސިޑެންސް އިމާރާތުގެ ފުރަގަހުގައި އޮންނަ ދަނޑު ކުލި ނަގައިގެން ދޫކުރަން ވަނީ ނިންމާފައެވެ.
ހުޅުމާލޭގެ ފުޓްސަލް ދަނޑުތައް ކުއްޔަށް ދޫކުރަން ނިންމާ ޔޫތު މިނިސްޓްރީން އެކުލަވާލި އުސޫލުގައި ސަރުކާރުގެ ސްކޫލްތަކާއި ޔުނިވަސިޓީތަކުގެ ޕްރެކްޓިސްތަކަށް ގަޑިއަކަށް 500 ރުފިޔާ އަދި ދުވާލަކަށް 2،500 ރުފިޔާއަށް ދޫކުރަންވަނީ ނިންމާފައެވެ.
އަމިއްލަ ސްކޫލް ޔުނިވަސިޓީތަކުގެ ޕްރެކްޓިސްތަކަށް ގަޑިއަކަށް 150 ރުފިޔާއަށް އަދި އަމިއްލަ ފަރުދުންނަށް ގަޑިއަކަށް 350 ރުފިޔާއަށް ދަނޑު ދޫކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުގެ ސްކޫލްތަކާއި ޔުނިވަސިޓީތައް ފިޔަވާ އެހެން ބަޔަކަށް ދުވާލަކަށް ކުއްޔަށް ދޭނެ އަގު ހިމަނާފައެއް ނެތެވެ.
މިއީ ހުޅުމާލެ ފުޓްސަލް ދަނޑުތަކުން ކުލި ނަގަން ފަށާ ފުރަތަމަ ފަހަރެވެ. މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބައެއް ދަނޑުތަކާއި ތަންތަނުން މިހާރު ވެސް ކުލި ނަގައެވެ. ހުޅުމާލެ ފުޓްސަލް ދަނޑުތަކުން ކުލި ނަގަން ނިންމި އިރު، އޭގެ ތެރެއިން ގިނަ ދަނޑުތަކެއް އޮތީ ހަލާކުވެފައެވެ.