އެއްޖިންސުން ގުޅުން ހިންގި ކަމަށް ނާޒިމް އިއުތިރާފުވެއްޖެ

ބަނގްލަދޭޝްގެ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްބަސްވެއްޖެއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވީ މައްސަލައިގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ސިއްރު އަޑުއެހުމުގައި ނާޒިމް ކުށަށް އިއުތިރާފުވުމާ ގުޅިގެން މައްސަލަ ބައްލަވާ ޤާޟީވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ކަނޑަ އަޅުއްވާފައެވެ.

އެމްޑީ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި އިތުރު 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންވެސް ބަންދުގައި ބައިތިއްބަން ކޯޓުންވަނީ މުހުލަތު ދީފައެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވި ނަމަވެސް ނާޒިމް ސައްތާރު ވަނީ ލިވާތު ކުރި ކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން ނާޒިމް ލިވާތުކުރި ކަމަށް ބުނެ ޚަބަރު ފަތުރައިފިނަމަ ދައުވާކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނާޒިމް މިހެން ބުނި ނަމަވެސް ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ވަކި ކުށެއްގެ ގޮތުގައި ލިވާތުކުރުން ބަޔާންކޮށްފައެއް ނުވެއެވެ. އެގޮތުން ނާޒިމް ސައްތާރުގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުގެ މީހަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އޭނާ އިއުތިރާފުވެފައިވަނީ އެ ދައުވާއަށެވެ.

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި އަލަމްގީރް ވަނީ ނާޒިމް ހިމެނޭހެން ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައެވެ. އެއާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، އަލަމްގީރްދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ