ބިންހެލުން އައި ސަރަހައްދުން އަދިވެސްދަނީ ދިރިހުރި ފަރާތްތައް ހޯދަމުން

މިހަފްތާގެ ކުރީކޮޅު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ދެ ބިންހެލުމުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން އަދިވެސް ދިރިހުރި މީހުން ފެއްނަމުންދާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ސައުދީ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ޚަބަރެއްގައި ވާގޮތުން ބިންހެލުން އައިތާ 100 ގަޑިއިރަށްވުރެ ގިނައިރު މިހާރު ވެފައި ވީނަމަވެސް އަދިވެސް މީހުން ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތައް އެއްވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އަދި މިމަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ދިރިހުރި މީހުން އިމާރާތްތަކުގެ ދަށުން ދަނީ ފެއްނަމުންނެވެ.

ބިންހެލުން އައިތާ 107 ގަޑިއިރުފަހުން ގަޒިއަންޓެޕް ޕްރޮވިންސުގެ ނިޒިބް ޑިސްޓްރިކްޓުން ބިމާ ހަމަވެފައިވާ އިމާރާތެއްްގެ ދަށުންވަނީ ތިންމީހުން ސަލާމަތްކޮށްފައެވެ. މި ތިންމީހުންގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖަކު ހިމެނެއެވެ. ބިންހެލުން އައިތާ 104 ގަޑިއިރުފަހުން ކަރަމަންމަރަސް ސަރަހައްދުން ސޫރިއާގެ ފުރާވަރުގެ އަންހެންކުއްޖަކުވަނީ ސަލާމަތް ކޮށްފައެވެ. މިކުއްޖާ ސަލާމަތްކޮށްފައިވަނީ ތުރުކީގެ ޕާލަމެންޓުން ފޮނުވި ޓީމަކުންނެވެ.

ކަރަމަންމަރަސް ސަރަހައްދުން 38 އަހަރުގެ ފިރެހެނަކުވެސްވަނީ ސަލާމަތް ކޮށްފައެވެ. މިމީހާ ސަލާމަތް ކުރެވިފައިވަނީ ބިންހެލުން އައިތާ 105 ގަޑިއިރު ފަހުންނެވެ. ހަމަ މިސަރަހައްދުން 31 އަހަރުގެ މީހަކުވެސްވަނީ އިމާރާތްތަކުގެ ދަށުން ދިރިހުއްޓާ ސަލާމަތްކޮށްފައެވެ. މިމީހާ ސަލާމަތްކުރުމަށް ފަސްގަޑިއިރު ވަންދެންވަނީ މަސައްކަތް ކޮށްފައެވެ.

ފަޔާފައިޓަރުންގެ މަސައްކަތުން ބިންހެލުން އައިތާ 108 ގަޑިއިރުފަހުންވަނީ މަންމަޔަކާއި އެ މައިމީހާގެ ތިންދަރިންވެސް ސަލާމަތް ކޮށްފައެވެ.

ބިންހެލުން އައިތާ ހަތަރުދުވަސްފަހުންވެސް އިމާރާތްތަކުގެ ދަށުން ދިރިހުރި ފަރާތްތައް ފެއްނަމުންދިއުމާއި ގުޅިގެން ގިނަ ގައުމުތަކަކުންވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތައް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ.

ތުރުކީ އާއި ސީރިއާއަށް ވިދިވިދިގެން އައި ބާރުގަދަ ދެ ބިންހެލުމާއި ގުޅިގެން މިހާތަނަށްވަނީ 24،000 ވުރެ ގިނަ މީހުން މަރުވެފައެވެ. މި ބިންހެލުންތަކުގައި އެންމެ ބޮޑު ގެއްލުމެއްވި ތުރުކީއިން 20،665 މީހުންވަނީ މަރުވެފައެވެ. އަދި ސީރިއާއިންވަނީ 3،500 މީހުން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ