ކުރިއަށްއޮތް ސީޒަންގައި ރޮނާލްޑޯގެ ފަރާތުން 40 ލަނޑު ސާރީ ބޭނުންވޭ

ކުރިއަށް އޮތް ސީޒަނަށް ހުރިހާ ޓީމުތަކެއްވެސް މިހާރު ތައްޔާރުވަމުން ދާއިރު 2019 އޮގަސްޓްގައި ފެށޭ އާ ސީޒަންގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން 40 ލަނޑު ފެންނަން ބޭނުންކަމަށް ޔުވެންޓަސްގެ ކޯޗުކަމާއި އަލަށް ޙަވާލުވި މައުރީޒިއޯ ސާރީ ބުނެފިއެވެ.

ރެއަލްމެޑްރިޑްގައި ހޭދަކުރި ދުވަސްވަރުގައި ކުޅުނު ފެންވަރުގެ ކުޅުމެއް އަންނަ ސީޒަންގައި ރޮނާލްޑޯގެ ފަރާތުން ފެންނަން ސާރީ ބޭނުންވެއެވެ.

ނިމުނު ސީޒަންގައި ރޮނާލްޑޯއަށް ސީރީއާގައި ކާމިޔާބުކޮށްދެވިފައިވަނީ އެންމެ 21 ލަނޑެވެ. އަދި ސީރީއާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުން ރޮނާލްޑޯއަށް ލިބުނީ 4 ވަނައެވެ. އުމުރުން 37 އަހަރުގެ ފަބިއޯ ކުއަގްލިއަރެއްލާ މިލިސްޓްގެ އެއްވަނާގައި އޮތީ ޖުމްލަ 26 ލަނޑާއެކުގައެވެ.

އެހެންނަމަވެސް ރޮނާލްޑޯ ޔުވެންޓަސްއާއެކު ސީރީއާ ކާމިޔާބުކޮށް ސީރީއާގައި ކުޅުނު ފުރަތަމަ ސީޒަންގައި ސީރީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވަނީ ޙާސިލްކޮށްފައެވެ.

ކުރިއަށް އޮތް ސީޒަންގައި ޔުވެންޓަސްއިން ވަރުގަދަ ޓީމެއް އުފައްދަން ސާރީ ބޭނުންވާއިރު، ޓީމު ލީޑުކުރަން ސާރީ ބޭނުންވަނީ ރޮނާލްޑޯއެވެ. މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސާރީ އަދި ރޮނާލްޑޯއާ ދެމީހުން މިހާރުވަނީ ބައްދަލުވެސް ކޮށްފައެވެ.

އާޢިލާއާއެކު ނަވަރީނޯގައި ޗުއްޓީ ހޭދަކުރަމުންދާ ރޮނާލްޑޯ އަދި ސާރީއާއި ދެމީހުންގެ މިބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ރޮނާލްޑޯގެ ޔޮޓުގައިކަމަށްވެސް ބޭރުގެ މީޑިއާތަކުންވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް