އަލްވޭސް ޕީއެސްޖީ ދޫކޮށްލައިފި

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ކެޕްޓަން ޑަނި އަލްވޭސް އެކްލަބް ދޫކޮށްލައިފިކަން ކަށަވަރުކޮށްދީފިއެވެ.

މިކަން އިންސްޓަގްރާމްގައި އަލްވޭސް ހާމަކޮށްފައިވަނީ ޕެރޫގެ މައްޗަށް ބްރެޒިލްއާއެކު ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދި މެޗަށްފަހު، އޭގެ ގަޑިއިރުކޮޅެއް ފަހުންނެވެ.

އުމުރުން 36 އަހަރުގެ ޑަނި އެލްވޭސް ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ. ޕީއެސްޖީގެ ކުރިން ސެވިއްޔާ، ބާސެލޯނާ އަދި ޔުވެންޓަސްއަށް އަލްވެސް ކުޅެދީފައިވެއެވެ.

ޕީއެސްޖީ ދޫކޮށްލިކަން އަލްވޭސް ކަށަވަރު ކޮށްދީފައިވާއިރު އޭނާގެ މިސްރާބު ހުރީ ކޮން ކްލަބަކަށްކަމެއް އަދި ހާމައެއް ނުކުރެއެވެ.

އަލްވެސް ޕީއެސްޖީއާއެކު ހޭދަކުރި ދެސީޒަންގައިވެސް ލީގު 1 ދެފަހަރު ކާމިޔާބުކޮށްފައިވާއިރު، 1 ފްރާންސް ކަޕް، 1 ލީގު ކަޕް އަދި 2 ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށްފައިވެއެވެ.

މިއަދަކީ ޙަޠާތުގެ ބޯޅެއްގެ ނިމުންކަމަށާއި، މިބޮޅަކީ ކާމިޔާބާއި ގިނަ ތަޖުރިބާއާއެކު ތަފާތު އެއްޗެހި ދަސްވެގެން ދިޔަ ބޮޅެއްކަމަށް އިންސްޓަގްރާމްގައި އަލްވޭސް ބުނެފައިވެއެވެ.

"މިފުރުޞަތު ދެއްވީތީ ޕީއެސްޖީއަށް ޝުކުރު ދައްނަވަން" އަލްވެސް ބުންޏެވެ.

ނޭމާ އަދި އަލްވޭސްއާ ދެމެދު ރަޙްމަތްތެރިކަމުގެ ގާތް ގުޅުމެއް އޮންނައިރު، މީގެ ދެއަހަރު ކުރިން ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ނޭމާ ބަދަލުވުމުގައި އެންމެ އިސްރޯލެއް ކުޅުނީ އަލްވޭސްކަމަށް ގިނަބަޔަކު ތުޙުމަތު ކުރިއެވެ.

އަނެއްކޮޅުން މީޑިއާތަކުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ނޭމާ އެނބުރި ބާސެލޯނާއަށް ބަދަލުވާން އުޅޭކަމުގެ ވާހަކައެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާއަށް ނޭމާގެ ބަދަލުގައި ބްރެޒިލްގެ ކެޕްޓަންއަކަށް އަލްވޭސް ހަމަޖައްސާފައިވަނީ މިދިޔަމަހުއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް