މުޞްޠަފާ ހައްޔަރުކުރީ ރިޝްވަތުގެ މައްސަލައެއްގައި – ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ މުޙައްމަދު ހައްޔަރުކުރީ ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

"ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް މުޞްޠަފާ މިއަދު ހަވީރު 16:00 ހާއިރު ހައްޔަރު ކުރެވިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މުޞްޠަފާ ހައްޔަރުކޮށްފައިވަނީ ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫ ކުރުމުގައި ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި، ހެކިންނަށް ބިރު ދައްކަމުންދާކަމުގެ ތުހުމަތުގައި ކަމަށެވެ.

ރިޝްވަތުގެ މައްސަލައެއްގައި މުޞްޠަފާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި “މާސިޑީޒް ބެންޒް، އެސް 600” މޮޑެލްގެ އާމާޑް ކާރު ރައީސް އޮފީހުގެ ނަމުގެ ބަދަލުގައި އޭނާގެ އަމިއްލަ ނަމުގައި ލ.އަތޮޅުގައި ދުއްވާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓަރީގައި ރަޖިސްޓަރީ ކުރި މައްސަލަ ފުލުހުން ބަލަމުން ގޮސްފައިވާކަން އެނގިފައިވެއެވެ.

ގާތްގަނޑަކަށް 4.5 މިލިއަން ރުފިޔާގެ އަގުބޮޑު އެކާރެ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ރައީސް ޔާމީންގެ އެކި ބޭނުންތަކުގައި އެކި ފަހަރު ބޭނުން ކުރައްވައިފައިވާކަން ސަރުކާރުގެ ރަސްމީ މުއާމަލާތްތަކުން ހާމަވެފައިވާއިރު، އެ ކާރު ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ނަމުގައެވެ. އެ މައްސަލަ ތިލަވުމާއެކު އޭސީސީންވެސް ދިޔައީ އެ މައްސަލަ ބަލަމުންނެވެ.

މުޞްޠަފާ ހައްޔަރުކުރިއިރު، މަޖިލިސް އިންތިޚާބާ މިހާ ގާތްވެފައިވަނިކޮށް ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލް އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް