ޤައުމީ ސަލާމަތުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ޤައުމީ ސަލާމަތަށް ނުރައްކަލެއް ނެތް - ކޮމިޓީ

މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ނިންމައިފިއެވެ.

ކޮމިޓީގެ މުޤައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިހެންވިދާޅުވީ މިއަދު ބޭއްވި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

"ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ކޮމިޓީއަށް ޙާޟިރުކޮށް އެއްކުރި މަޢޫލޫމާތަށް ބަލާއިރު ޤައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސްކަމެއް އޮތްކަމަށް ނުބެލެވޭ" މުޤައްރިރު ވިދާޅުވިއެވެ.

ނަމަވެސް މާފުށީ ޖަލުގައި ހިނގާދިޔަ ކަންތައްތަކަކީ އިންސާނީ ޙައްޤުތަކާއި ކަރާމާތާއި ގުޅުން ހުރި މައްސަލައެއްކަމުން އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ކުރިއަށް ގެންދާނެކަމަށްވެސް މުޤައްރިރުވަނީ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ޖަލުގައި ރަނގަޅުކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަމަށާއި، އެގޮތުން ޖަލުގައި އެކަށީގެންވާ ފެސިލިޓީ ނުވަތަ ވަޞީލަތްތައް ނެތުމާއި، ރިމާންޑް ޖަލާއި އެނޫންވެސް ތަންތަނުގައި ޤައިދީން ބެލެހެއްޓުމަށް އެކަށީގެންވާ ޢަދަދަކަށް ޖަލުގެ އޮފިސަރުން ނެތްކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށް ޝަރީފްވަނީ ވިދާޅުވިއެވެ.

އަދި ޖަލުގެ ވަށާފާރު މިހާރަށްވުރެ ބޮޑަށް އުސްކުރަން ޖެހޭކަމަށް މުޤައްރިރު ވިދާޅުވިއިރު އަންނަ އަހަރުގެ ބަޖެޓުގައި އެކަންކަން ހިމެނުމަށް މަސައްކަތްކުރުމަށްވެސްވަނީ އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް