ކުއްޖާ ގެއްލުނު މައްސަލާގައި ޖެންޑާ މިނިސްޓްރީ ވަނީ އިހުމާލު ވެފައި: ޕީއެންސީ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ މައްސަލައިގައި ޖެންޑާ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ބުނެފި އެވެ.

ޝައިމް ގެއްލުނު މައްސަލައާ ގުޅިގެން ކޮންގްރެސް ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގެއްލިގެން ހޯދާތާ ފަސް ދުވަސް ވެފައިވާއިރު އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާތީ އެ ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

ޝައިމް އަބްދުﷲ (ދަފްތަރު 2997) ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ހެނދުނު 9:29 ގައި ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އަދި އޭގެ ފަހުން، ފުލުހުން އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، އެ ކުއްޖާ ހޯދަން އިއުލާން ކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

މި ކުއްޖާ ގެއްލިގެން ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާންކޮށް މައުލޫމާތު ހޯދުމަށް އެދުނުއިރު މި ކުއްޖާއަކީ ކޮންތާކު ދިރިއުޅޭ ކޮންގެއެއްގެ ކޮން ރަށެއްގެ ކުއްޖެއްކަން ހާމަކޮށްފައެއް ނުވާ ކަމާށާއި މި ކުއްޖާއަކީ ކުޑަކުދިންގެ ހިޔާއިން ގެއްލިގެން އުޅޭ ކުއްޖެއް ކަމުގެ ޑޮކިއުމެންޓްތަކެއް އާންމުވެފައިވާއިރު މި ކަމުގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާކަން ހާމަވާ ކަމަށް ކޮންގްރެސް ޕާޓީން ބުންޏެވެ.

"ކުޑަކުދިންގެ ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަނަކަށް ވުމާއި އެ ތަނަކީ އެ ކުދިންނަށް ސަލާމަތްތެރި، ރައްކާތެރި ތަނަކަށް ހެދުމާއި އެ ކުދިންގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމާއި މި ކަންކަން އެންމެ ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީއަށެވެ. ވުމާއެކު މިކަމާ ގުޅޭ ސައްހަ މައުލޫމާތު އޮޅުވާ ނުލައި ރައްޔިތުންނަށް ހާމަކުރަން މި ޕާޓީން ގޮވާލަމެވެ." ކޮންގްރެސް ޕާޓީގެ ބަޔާނުގައިވެ އެވެ.

މި ކަމުގައި ފުރިހަމަ ތަހުގީގެއް ހިންގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ކޮންގްރެސް ޕާޓީން ސަރުކާރަށް ގޮވާލި އެވެ. އަދި މިފަދަ ހާދިސާތައް ހިނގުމުން މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފޮރުވާ އޮޅުވާލުމަކީ ރައްޔިތުންނާމެދު އިހާނެތްތެރިވުން ކަން ފާހަގަކޮށް މި ސަރުކާރުގެ މިފަދަ އަމަލުތައް އެ ޕާޓީން ކުށްވެރި ކުރަމެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް