ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މި މަހާސިންތާ ދާދި ދެންމެ ރައީސް ޞޯލިޙް ފައްޓަވައިދެއްވިއިރު، މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އާއި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަފީޤް މަޙްމޫދު އަދި ޔޫއެންޑީޕީގެ އެސިސްޓަންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އާއިޝަތު ރިޒްނާވެސް ބައިވެރިވެވަޑައިގަންނެވިއެވެ.
ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ މި މަހާސިންތާގައި، ކައުންސިލްތަކުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށް ހައްލު ހޯދުމަށް ހަމަޖެހިފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށްވެސް ހަމެޖެހިފައިވާކަމަށް އެލްޖީއޭއީއިން ވިދާޅުވިއެވެ.
ކޮންމެ އަހަރަކުވެސް އެއް ދުވަހުގެ މުއްދަތަށް ބާއްވާ މި މަހާސިންތާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ހޮޓެލް ޖެންގައި ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.



