އައްޑޫގެ ރަށްރަށުގައި ވަކި ކައުންސިލްތައް އުފެއްދުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

އައްޑު އަތޮޅުގެ ހުރިހާ ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ވޯޓު ނެގުމަށް ނިންމެވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އައްޑޫގެ ބައެއް ރަށްރަށުން އެކަމަށް އެދިފައިވާތީއެވެ. އަދި މިއީ އިއްޔެ ތަސްދީގުކުރެއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ނެގޭ ފުރަތަމަ ވޯޓު ކަމަށްވާނެއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މިހާރު އައްޑޫ ސިޓީ ހިންގަމުންދަނީ އެއް ކައުންސިލެއްގެ ދަށުންނެވެ. ނަމަވެސް މިކަމާމެދު އެސިޓީގެ އެކި ރަށްތަކުގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. އަދި ގިނަ ރަށްތަކެއްގެ މައްޗަށް ސިޓީ އެކުލެވިގެންވުމާއެކު، އެއް ހަމައަކުން ޚިދުމަތްތައް ލިބުމުގައި އެކި ރަށްތަކުގެ ތަފާތުތައް ހުރިކަމުގެ ޝަކުވާ ލިބެމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

"އޮކްޓޯބަރު މަހު ވޯޓެއް ނަގާ، ނަތީޖާއެއް އެބަ ބޭނުންވޭ. ސަރުކާރުން ގޮތެއް ނިންމާ އިލެކްޝަން ކޮމިޝަނަށް ހުށައެޅުމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ގެންދެވޭނީ. މި ވޯޓް ވެގެންދާނީ ތާރީޚީ ވޯޓަކަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ވޯޓުގައި ކޮންމެ ރަށެއްގެ ރައްޔިތުންގެ އަތުން އެރަށެއްގެ ކައުންސިލް އޮންނަން ބޭނުންވާ ގޮތް އޮޅުން ފިލުވާނެއެވެ. މިގޮތުން ކޮންމެ ރަށެއްގައި ވެސް ވަކި ކައުންސިލެއް އުފައްދަން ބޭނުންވޭތޯ ނުވަތަ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ދެމި ތިބެން ބޭނުންވޭތޯ ބަލާނެއެވެ.

އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގޭނެ ގޮތްތައް ބަޔާންކުރާ މި ޤާނޫނުގެ ދަށުން ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ