ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް މިދިޔަ މަހު ރާއްޖެއިން 20 ޤައުމަކަށް މުދާ ފޮނުވާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
މި ޚިދުމަތުގެ ދަށުން މިދިޔަ މަހު ޖުމްލަ 433 ޓަނުގެ މުދާ ބޭރުކޮށްފައިވާއިރު، މިއީ 111 ޓީއީޔޫއެވެ.
އެމްޕީއެލްއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން 15 މެއި 2024 ގައި ތަޢާރަފްކުރި މި ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމުގެ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިއިރު އެންމެ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިންއާ ކަމުގައިވީ ނަމަވެސް، މިހާރު ވަނީ 9 އެއަރލައިނަކާ ގުޅިފައެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުން ރާއްޖޭގެ އިޤްތިޞާދަށް އެތައް މިލިޔަން ޑޮލަރެއް ވަދެފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ، އަދި އެ ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުންދާ މަސައްކަތެކެވެ.
ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވުމާއެކު، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުޞަތުތައް ރާއްޖެއަށް ގިނަކަން އެމްޕީއެލްއިން ފާހަގަކުރެއެވެ. މި ޚިދުމަތް ފުޅާވަމުން އަންނަ މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިޤްތިޞާދަށް މީގެން އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.



