ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަނީ

ސްކޫލްތަކުގެ އިސްވެރިން ނުވަތަ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. މި މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަހާސިންތާއެކެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވި ގޮތުގައި މިއަހަރުގެ މަހާސިންތާ ބާއްވަނީ ދުނިޔޭގެ ކުރިއަރާފައިވާ ތަޢުލީމީ ނިޒާމްގެ ބިނާގައި، މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށެވެ. އަދި މި މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާއި، ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

"މަންހަޖް ތަންފިޒް ކުރުންކަމުގައިވިޔަސް، މުޖުތަމަޢުއާ ސްކޫލާ އޮންނަ ގުޅުން ކަމުގައިވިޔަސް، އަދި އެއީ ޕްރިންސިޕަލުން ސްކޫލް ހިންގާ ގޮތާ ބެހޭގޮތުންވިޔަސް، ކްލާސްރޫމްގައި ކިޔަވައިދޭ ފެންވަރު މަތިކުރުންކުމުގައި ވިޔަސްމެ، އެކަމާ ގުޅުން ހުރި ހުރިހާ ކަމަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަރުދާސްތައް ފޮނުވާފައި ވަނީ،" ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި މިފަދަ މަހާސިންތާތަކާ މި އަހަރުގެ މަހާސިންތާ ތަފާތުވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އެގޮތުން ކުރީގެ މަހާސިންތާތައް ބާއްވާފައިވަނީ މުދައްރިސުންގެ ފުޅާ ބައިވެރިވުމަކާ ނުލައި ކަމަށާއި، ޕޮލިސީ ކަރުދާސްތައް ފޮނުވައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭ ގޮތަށް ނޫންކަން ފާހަގަކުރެއްވިއެވެ.

އަންނަ ހޮނިހިރު ދުވަހު ފެށޭ މި މަހާސިންތާގައި ސީދާ މުދައްރިސުންގެ ލެވެލްގައި މަޝްވަރާކޮށްގެން ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މި މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން މުދައްރިސުންނާއި ޕްރިންސިޕަލުންގެ ޚިޔާލު ހޯދުމަށް ވަނީ ދުރާލާ ކަރުދާސްތައް ސްކޫލްތަކަށް ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ