މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފަށައިފި

އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް މިއަދު ފަށައިފިއެވެ.

"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ގެ މިއަހަރުގެ ޝިޢާރަކީ "ސްޓްރެންތެނިންގ ފައިނޭންޝިއަލް ގަވަރނެންސް އެންޑް އެކައުންޓަބިލިޓީ" އެވެ. މި ފޯރަމަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް އަބްދުﷲ ވިދާޅުވީ މިފަދަ ފޯރަމެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އެމްއެންޔޫ އޮޑިޓޯރިއަމްގައި މިމަހުގެ 11 އަދި 12 ވަނަ ދުވަހު ކުރިއަށްދާ މި ފޯރަމްގައި 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.

މި ފޯރަމްގައި އިންޓަރނަލް އޮޑިޓް ފަންކްޝަން ހަރުދަނާކުރުމާއި، ސަރުކާރުގެ މާލީ ހިސާބުތައް އެކްރޫއަލް ބޭސިސްއަށް ބަދަލުކުރުމާއި، ލިކުއިޑިޓީ އަދި ފިސްކަލް މެނޭޖްމަންޓްގެ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. މީގެއިތުރުން ސަސްޓެއިނަބިލިޓީ ރިޕޯޓިންގ، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސްއާއި ސައިބަރ ސެކިއުރިޓީގެ މައްޗަށްވެސް އަލިއަޅުވާލެވޭނެއެވެ.

ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމާއި، ބޭރު ފައިސާގެ ރިސްކް މެނޭޖްކުރުމާއި، ސްރީލަންކާގެ މާލީ ހީނަރުކަމުން ލިބިގަނެވޭ ފިލާވަޅުތަކާއި، އިންޓެލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސް އަދި އެފްޑީއައި އާ ގުޅޭ ޤާނޫނީ އޮނިގަނޑުގެ މައްޗަށްވެސް މި ފޯރަމްގައި މަޝްވަރާކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ