ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުގައި ފްލެޓް ދީފައިވޭ: ވަޒީރު މުއްޠަލިބް

މީގެ ކުރީގެ ސްކީމްތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް، ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓް މަޝްރޫޢުއިން ފްލެޓް ދޭން ހިމަނާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މިހާރު ރިވިއުކުރަމުންދަނީ ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ގައި އެކުލަވާލި ގެދޮރުވެރިޔާ ސްކީމުގެ ލިސްޓެވެ. އަދި ގެދޮރުވެރިކަމާ ބެހޭ ޤާނޫނުތައް މިހާތަނަށް އޮތް ގޮތުން، މި ފަރާތްތަކުގެ ނަންތައް ލިސްޓުން އުނިކުރެވޭނެ ގޮތެއް ނެތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ތަކުރާރުކޮށް ފްލެޓް ލިބޭ 976 ދެމަފިރިންގެ ތެރެއިން 645 މީހުންނަކީ 76 މާކްސްއިން މަތިން ޕޮއިންޓް ލިބިގެން ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ. މިއީ އިޖުތިމާޢީ އިންސާފުގެ ނަޒަރުން ބަލާއިރު، ޙައްޤުވެރި އެހެން އާއިލާތަކަށް ވެވޭ ބޭއިންސާފެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއެކު މަޝްވަރާކޮށްފައެވެ. ނަމަވެސް، "ދެމަފިރިންނަށް ފްލެޓް ދިނުން މަނާކުރާ ޤާނޫނެއް ނުވަތަ އުސޫލެއް ނެތް. 976 ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ކުރީގެ ސްކީމުތަކުން ފްލެޓް ލިބިފަ އޮތީ. ސޮއިކޮށް ޕްލޮޓް ކަނޑައަޅާފަ އޮތީ. އެހެންވީމަ މިކަން ހުއްޓުވޭކަށް ނެތް، ދޭން އެބަ މަޖުބޫރުވޭ" ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ޚާއްޞަ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ސްކީމުގެ ދަށުން ދެމަފިރިންގެ ތެރެއިން ދެ މީހުންނަށްވެސް ފްލެޓް ލިބޭ އެއް ދެމަފިރިން ހިމެނެއެވެ. މިއީ ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަޤްޞަދާ ޚިލާފު ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ