މުސްތަފާގެ ބަންދަށް 10 ދުވަސް

މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް، އަޙްމަދު މުޞްޠަފާ މުޙައްމަދުގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

މުޞްޠަފާގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން މުޞްޠަފާ ހައްޔަރުކު ކޮށްފައިވަނީ ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި، އިއްޔެ ހަވީރު 16:00 ހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

ފުލުހުން ވިދާޅުވެފައިވަނީ، މުޞްޠަފާ ހައްޔަރުކޮށްފައިވަނީ ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫ ކުރުމުގައި ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި، ހެކިންނަށް ބިރު ދައްކަމުންދާކަމުގެ ތުހުމަތުގައި ކަމަށެވެ.

ރިޝްވަތުގެ މައްސަލައެއްގައި މުޞްޠަފާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި “މާސިޑީޒް ބެންޒް، އެސް 600” މޮޑެލްގެ އާމާޑް ކާރު ރައީސް އޮފީހުގެ ނަމުގެ ބަދަލުގައި އޭނާގެ އަމިއްލަ ނަމުގައި ލ.އަތޮޅުގައި ދުއްވާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓަރީގައި ރަޖިސްޓަރީ ކުރި މައްސަލަ ފުލުހުން ބަލަމުން ގޮސްފައިވާކަން އެނގިފައިވެއެވެ.

ގާތްގަނޑަކަށް 4.5 މިލިއަން ރުފިޔާގެ އަގުބޮޑު އެކާރެ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ރައީސް ޔާމީންގެ އެކި ބޭނުންތަކުގައި އެކި ފަހަރު ބޭނުން ކުރައްވައިފައިވާކަން ސަރުކާރުގެ ރަސްމީ މުއާމަލާތްތަކުން ހާމަވެފައިވާއިރު، އެ ކާރު ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ނަމުގައެވެ. އެ މައްސަލަ ތިލަވުމާއެކު އޭސީސީންވެސް ދިޔައީ އެ މައްސަލަ ބަލަމުންނެވެ.

މުޞްޠަފާ ހައްޔަރުކުރިއިރު، މަޖިލިސް އިންތިޚާބާ މިހާ ގާތްވެފައިވަނިކޮށް ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލް އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް