ސިޔާސީ ޕާޓީއެއްގެ ރަސްމީ ކުލަ، ހުއްދަ ނެތި ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަކީ ކުށެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ރަސްމީ ކުލަ، އެހެން ސިޔާސީ ޕާޓީތަކަށާއި، އަމިއްލަ ފަރުދުންނަށް ބޭނުން ކުރެވޭނީ އެ ސިޔާސީ ޕާޓީގެ ހުއްދަ އާއެކު ކަމަށެވެ.
"ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތްތަކުގައި ރަސްމީކޮށް ބޭނުންކުރާ ކުލަ، އެހެން ސިޔާސީ ޕާޓީތަކުންނާއި، އަމިއްލަ ފަރާތްތަކުން އެ ޕާޓީގެ ހުއްދަ ނެތި ބޭނުންކުރުމަކީ ޤާނޫނީ ކުށެއް. މިކަމަށް ސަމާލުވެލައްވާ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލްހާން ފަޙްމީގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ރީނދޫ ކުލަ ބޭނުންކުރި މައްސަލަ މީސްމީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.
އީސީގެ ރައީސްގެ ޓްވީޓަށް ރައްދު ދެއްވައި އަލްހާން ވިދާޅުވީ، ބޭނުން ކުރައްވަނީ އަމިއްލަފުޅު ފޮޓޯއާއި، ކޯލިޝަން ޕާޓީތަކުގެ ކުލަ ކަމަށެވެ.