ބަރުލަމާނީ ނިޒާމަކަށް ފުރުޞަތު ދީފިނަމަ ހަތަރެސްކަން ހަމަވާނެ - ޤާސިމް

ދިވެހިރާއްޖޭގައި ހިނގަމުންދާ ރިޔާސީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައިފިނަމަ، ސަރުކާރު ޒިންމާދާރު ނުކުރެވި ހަތަރެސްކަން ހަމާވެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނު ދައްކަވަނީ ޤައުމުގައި އޮންނަންވީ ވެރިކަމުގެ ނިޒާމުގެ ވާހަކަފުޅު ނޫން ކަމަށާއި، އެއީ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫން ކަމަށެވެ.

ޤާސިމް ވިދާޅުވީ، އިސްލާހަށްޓަކައި ނުވަތަ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ، ރައްޔިތުންނަށް މަންފާހުރި ކަމެއް ކަމަށްވާނަމަ އެ ދިމާލަކަށް ދަތުރުކުރުމަކީ ނެތްކަމެއް ނޫން ކަމަށާއި، ނަމަވެސް ދިވެހިރާއްޖެ ފަދަ ޤައުމެއް ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދިއުމުން ލިބޭނެ މަންފާއެއް ނެތް ކަމަށެވެ.

ޖުމްހޫރީ ނިޒާމަކީ ވެރިން ރައްޔިތުންގެ ކައިރިއަށް ދާންޖެހޭ ނިޒާމެއް ކަމަށާއި، އެއާ ޚިލާފަށް ބަރުލަމާނީ ނިޒާމަކީ ރައްޔިތުންގެ ކައިރިއަށް ދިއުމާ ދުރު ނިޒާމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. މިކަމަށް އެކަނި ވިސްނާލައިފި މީހަކުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގައި ޕްރައިމް މިނިސްޓަރަކަށް އަދި މިނިސްޓަރުންނަށްވެސް ތިއްބަވާނީ ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެންބަރުން ކަމަށާއި، އެހެންވުމުގެ ސަބަބުން މިނިސްޓަރުން ގޯހެއް ހެއްދެވިޔަސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖަވާބުދާރީ ކުރުވައި، ޒިންމާދާރު ކުރުވަން ތިބޭނީ ވަރަށް މަދު ބައެއް ކަމަށެވެ.

"ނުފޫޒު ހުރި ހުރިހާ މިނިސްޓަރުން ތިއްބަވާނީ މަޖިލީހުގައި މެންބަރުންގެ ގޮތުގައި. ދެން ކިހިނެތްތޯ ހައްދަވާނީ؟ ހަތަރެސްކަން ހަމަވީ ދެއްތޯ! އެހެންވީމަ ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެއްނޫންތޯ؟" ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ޤާސިމް އިތުރަށް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ނުވެސް ކުރެވޭނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ޤާސިމް އިބްރާހީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެލެއްވިއިރު، މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިއްޖެނަމަ ރައީސް ނަޝީދު ބޮޑުވަޒީރަކަށް ގެންނާނެކަމަށް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.  

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް