ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބުން ނިމުމަކަށް ގެނައުމުގެ ޤައުމީ ހަރަކާތް އިއުލާންކޮށް، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
"އިންޑިއާ ސިފައިން ފައިބާ" ގެ ނަމުގައި އުމަރު ނަސީރު އިސްވެ ހުންނަވާ ހިންގާ މި ޤައުމީ ހަރަކާތް އިއުލާން ކުރެއްވީ، "އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ޤައުމީ ހަރަކާތް" ގެ ބައިވެރިވުމަށް އެދޭ ފޯމާއެކު ރޭ މެންދަމު އުމަރު ކުރެއްވި ޓްވީޓަކުންނެވެ.
"އިންޑިއާ ސިފައިން ފައިބާ ޤައުމީ ކެމްޕެއިންގައި ބައިވެރި ވެވަޑައިގަންނަވާ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް." އުމަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖޭގައި އޮޕަރޭޓްކުރަމުން ގެންދާ 2 ހެލިކޮޕްޓަރު ދުއްވުމާއި އޭގެ ޓެކްނިކަލް އެހެން މަސައްކަތްތައް ބެލެހެއްޓުމަށް ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ބޭލުމުގެ ޤައުމީ ޙަރަކާތެއް ފަށަން ނިންމިކަން އުމަރު އިއުލާން ކުރައްވާފައި މިވަނީ އެކަކުގެ މަޝްވަރާ ބައްދަލުވުމެއް ރޭ ދަރުބާރުގޭގައި ބޭއްވުމަށް ފަހުގައެވެ.
100 އެއްހާ މީހުނަށް ދައުވަތު އެރުވިގެން ރޭ ދަރުބާރުގޭގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރުގެ އިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙަސަން މަނިކާއި، ޑީއާރުޕީގެ ލީޑަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި، ނެޝަނަލް ރިފޯމް ޕާޓީގެ މުޙައްމަދު ދީދީއާއި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީޑިއާ ނުވައްދާ ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމުން އެ ބައްދަލުވުމުގެ ތަފްސީލު ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް ބައްދަލުވުމުގެ ބައިވެރިން މީސްމީޑިއާއަށް ދޫކޮށްލާފައިވާ ފޮޓޯތަކަށް ބަލާއިރު ގިނަ ބަޔަކު އެ ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.
‘India Sifain FAIBAA’ Qaumee campaign ga baiverive vadaigannavaa. India sifain raajjeyga thibumee minivankan gelligen higaidhaane kameh. pic.twitter.com/cF7mlSjMEa
— Umar Naseer (@UmarNaseerMV) February 10, 2019
މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފޯމަށް ބަލާއިރު، މި ހަރަކާތުގެ ތެރެއިން ގޭގެއަށް ލިޔުންތައް ބެހުމާއި، ގޭގެއަށް ޒިޔާރަތްކުރުމާއި، މަގުމަތީގައި ފޮއްޗާއި ޕޯސްޓަރު ހިއްޕުމުގެ އިތުރުން މީސްމީޑިއާގެ ޙަރަކާތް ހިންގުން ފަދަ ކަންކަން ކުރުމަށް ރާވާފައިވެއެވެ. އަދި ފައިސާއާ ތަކެތީގެ އެހީތެރިކަން ދިނުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތުގައި އިސްވެ ހުންނެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ތއޮޕަރޭޓް ކުރުމަކުން ކަންބޮޑު ނުވާކަމަށާއި، ކަންބޮޑުވަނީ އެތައް ދުވަހެއް ވެގެންދިޔައިރު ވެސް އެކަމަށް ދިވެހީން ތަމްރީން ކުރުމެއްނެތި މުޅިން ވެސް އިންޑިއާ ސިފައިން ތިބުން ކަމަށެވެ.
"އަޅުގަނޑުމެން މިގޮވާލަނީ ދިވެހިންނޭ އެކަން ކުރަންތިބެންވާނީ، އިންޑިއާ ސިފައިންނެއް ނޫނެ،" ޢުމަރު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން ކަންބޮޑުވާ ކަމަކަށްވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައިވެސް އަދި މި ވެރިކަމުގައިވެސް މިކަންކަން ހުއްޓުވުމަށް ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅު ނާޅަކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
ހިޔާލު
Yameen sarukaakuruga Umar home minister akah huri iru India sifain nubeylee keehvebaa?
ކޮމެންޓް ކުރުން ބަންދު