ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

"ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ރައީސް އުފައްދަވަނީ

"ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކޯޕަރޭޝަނެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ނިންމަވައިފިއެވެ.

"ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކޯޕަރޭޝަނެއް އުފައްދަވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

"އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ މަސައްކަތްތައް ކުރިއަށްގެންދާނީ މި ކޯޕަރޭޝަނުގެ ދަށުން. އަދި ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައްވެސް ހިންގާނީ މި ކޯޕަރޭޝަނުގެ ދަށުން،" ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފައްޓަވާފައިވާ ހައުސިންގް ނީޑްސް އެސެސްމަންޓަށް ރިޢާޔަތް ކުރެވިގެން، އަދުލުވެރި އަދި އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

"ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެފަދަ މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެއް." ރައީސް އޮފީހުން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް ކުންފުންޏެއް އުފެއްދެވިއިރު، ކިޔުގައި ނުޖެހި އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފްލެޓަށް އެދެވޭނެ ނިޒާމެއް މިއަދު ސަރުކާރުން ވަނީ ޤާއިމު ކޮށްދެއްވާފައެވެ. ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އަދި އިޤްތިޞާދީ މައްސަލައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ