ކުރީގެ ހޯމް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަޙްމަދި ސިއްދީޤަށް ހަމަލާދީގެން ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތް) ދޫކޮށްލުމަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރާފައި ނުވާކަމަށް އެކްޓިންގ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، ޕޮލިސް ސަރވިސްގެ ކަންތައްތައް ހުރިގޮތުން ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ޖާގަ އޮތުން އަދިވެސް އެކަށީގެންވާ ކަމަށެވެ.
"ތިވިދާޅުވި ކަމުގައި ވަކި މީހަކު ދޫކުރަން އަޅުގަނޑާ ހަމައަށް އެއްވެސް ފަރާތަކުން ގުޅުއްވާފައެއް ނުވަތަ އިންސްޓްރަކްޝަނެއް އައިސްފައެއް ނެތް." އެކްޓިންގ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު ވިދާޅުވީ، ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ހޯމް މިނިސްޓަރުގެ ފަރާތުން ނޫން ކަމަށާއި، މައިގަނޑު ގޮތެއްގައި ރިކުއެސްޓްތައް އަންނަނީ އެހެނިހެން އިލެކްޓެޑް ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ކަމަށެވެ.
"ފުލުހުންގެ ތެރޭގައި ހުންނަ ކަންތައްތައް ފުލުހުން ކުރުންޖެހެނީ، ފުލުހުންގެ މުއައްސަސާއިން ބޭރުގައި ތިބޭ މީހުން ލައްވައެއް ނޫން، ފުލުހުން ކުރަންޖެހޭނީ." ހަމީދު ވިދާޅުވިއެވެ.
އެކްޓިންގ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނަކީ އެފަދަ ކަންކަމުން އެންޓަޓައިން ކުރާނެ ކަމެއް ނޫން ކަމަށާއި، ނަމަވެސް ފުލުހުން ކިތަންމެ ވަރަކަށް ނުފޫޒުން ދުރުގައި ތިބޭނެކަމަށް ވިދާޅުވިޔަސް ވެށީގެ ގޮތުން އެކި ކަހަލަ ނުފޫޒު ފޯރާނެ ކަމަށާއި، ނަމަވެސް ވިސްނައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.