ސަރުކާރުން މާލޭ ސަރަހައްދުގައި އިތުރު 10 ސުކޫލު އަޅަނީ

އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތައް އިތުރު ދިހަ ސްކޫލެއް އިމާރާތް ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް އާއްމުކުރުމަށް ރޭ މުހިޔުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މާލެ ސަރަހައްދުގައި އިތުރު ސުކޫލްތައް އަޅަން ނިންމާފައިވަނީ އެއްދަންފަޅިއަށް ބަދަލު ކުރަން ބޭނުންވާ ކުލާސް ރޫމްތަކާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓްގައިވާ ގޮތުން 288 ކްލާސްރޫމް ބޭނުން ވެއެވެ. އަދި 10 ސްކޫލާއި 47 ސައިންސް ލެބާއި 28 ލައިބްރަރީ އާއި 42 އޯޑިއޯ ވިޝުއަލް ރޫމާއި 22 ސްޓާފް ރޫމްގެ އިތުރުން 57 ބަދިގެ ބޭނުންވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

"މި ސްކޫލްތައް ފަރުމާ ކުރާނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެއްދަންފަޅިއަށް ހާއްސަ ސްކޫލްތައް ފަރުމާކުރާ ކޮންސެޕްޓަށް، މަސައްކަތް ކުރިއަށްގެންދާނީ ފަސް އަހަރަށް ބަހާލައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މި ސަރަހައްދުގައި އެއްދަންފަޅިއަށް ކިޔަވައިދެވޭނީ 800 އާއި 1000އާ ދެމެދުގެ ދަރިވަރުން އުޅެމުންދާ ސްކޫލްތަކުގައި ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. ނަމަވެސް މިހާރު މާލޭގެ 13 ސްކޫލެއްގައި 1500 އާއި 2000އާ ގާތްކުރާ މިންވަރަކަށް ދަރިވަރުންގެ އަދަދު  އުޅޭކަމަށް މިރިޕޯޓްގައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ