ދިވެހިރާއްޖެއިން އަދި ވަކިން ހާއްޞަކޮށް ސަރުކާރުން ކޮރަޕްޝަން ނައްތާލެވޭނީ އެންމެހާ ރައްޔިތުންގެ އެހީތެރިކަމާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޮލިޙް ވިދާޅުވެއްޖެއެވެ.
"ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ކެމްޕޭން އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށާއި، ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކުރެވިފައި ހުންނާންވާނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ، މި ހުޅުވައިދިން ދޮރުން (ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ޕޯޓަލް) ވަދެވަޑައިގެން އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް ސަމާލުކަމަށް ގެނެސްދެއްވުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"ޢާންމު ރައްޔިތުންވެސް، މި ޕޯޓަލް މެދުވެރިކޮށް، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، އަޅުގަނޑު އިލްތިމާސް ކުރަން. ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ޤައުމު އިޞްލާޙުކޮށް، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރެވޭނީ، ތިޔަބޭފުޅުންގެވެސް ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިގެން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ އަމިއްލަ ނަފްސާ ހަމައިން ކަމަށާއި، އެކަމަށް ބޭނުންވަނީ ކޮންމެ ބޭފުޅެއްގެ އިޚްލާސްތެރިކަމާއި، ޒަމީރުގެ ތެދުވެރިކަން ކަމަށާއި، މިއަދަކީ ދިވެހި ކޮންމެ ފަރުދަކު އެކަމަށް ފަށައިގަންނަ ދުވަހެއް ކަމުގައި ހެއްދެވުމަށް ރައީސް ގޮވާލެއްވިއެވެ.
"އެ ތަންތަނުން ޚިދުމަތްތައް ދޭންވާނީ ދުރާލައި ހަމަޖެހި، ޢާންމުކުރެވިފައި ހުންނަ އުސޫލުތަކުގެ ތެރެއިން. އެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، ކޮރަޕްޝަނާމެދު މި ސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް"." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމުގައި، ރައްޔިތުންގެ ބައިވެރިވުމާއި ޙިއްސާ އިތުރުކުރުމަށްޓަކައި، ސަރުކާރުން މި ޤާއިމުކޮށްދިން ވެބްޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާއިރު، މައްސަލަ ހުށަހަޅަނީ ކާކުކަން ބުނެދޭން ނުޖެހޭނެ ކަމަށާއި، މައްސަލަ ހުށަހެޅީ ކާކުކަން އެނގިދާނެތީ، ބިރުގަނެ ޖެހިލުންވާކަށްވެސް ނުޖެހޭނެ ކަމަށެވެ.
ރިޕޯޓް ކުރަނީ ކާކުކަން ނޭނގޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕޯޓަލް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ގްލޯބަލް ލީކްސް އިންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކިގައި 60 އަށްވުރެ ގިނަ ޕްރޮޖެކްޓްތަކުގައި މި ސޮފްޓްވެއަރ ބޭނުންކޮށްފައިވާއިރު، އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަންތަކާއި، އޯސީސީއާރުޕީ ފަދަ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްއީއްޔާތަކާއި، އެމްނެސްޓީ އިންޓަނޭޝަނަލްވެސް ހިމެނެއެވެ.
މައްސަލަ ހުށަހަޅުއްވާ ފަރާތަކީ ކާކުކަން ނޭނގޭގޮތަށް އަދި ހުށަހަޅުއްވާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވޭނެ ގޮތް ކަށަވަރު ކުރުމަށްޓަކައި، ޕީޖީޕީ އެންކްރިޕްޝަން އަދި ޓޯ-ހިޑެން ސަރވިސަސް ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޭނުންކޮށްފައިވެއެވެ.