މުދާ ބަރުކޮށްގެން ކ. ތިލަފުށި ކައިރިން ދަތުރުކުރި 99 ފޫޓުގެ "ހަމްދު" ނަމަކަށް ކިޔާ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 10:58 ހާއިރު ކަމަށާއި، މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު މި ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް ހާބަރ ކްރާފްޓްގައި ޑައިވަރުންގެ ޓީމެއްގޮސް އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މި ދޯންޏަށް އެހީތެރިވުމުގެ ގޮތުން ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންގެ ޓީމުން ޕަމްޕް ބަހައްޓައިގެން ކުރި މަސައްކަތުން ދިޔަވުން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މެންދުރު 12:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ދޯންޏަށް ބަރުކޮށްފައިވާ މުދަލުގެ ތެރޭގައި ހިލަޔާ ހިލަވެލި އަދި ސިމެންތި ހިމެނޭއިރު، މި ހާދިސާގައި މި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.