ހެލިކޮޕްޓަރުތައް އަދި ރާއްޖެ އާއި ދެކޮޅަށް ބޭނުން ކުރާނެ – އުމަރު

ހެލިކޮޕްޓަރު، ޑޯނިއާ، މަތިންދާބޯޓު އަދި ރާޑަރު ފަދަ އިންޑިއާގެ މިލިޓަރީ ހާޑްވެއަރ ތަކެއްޗަކީ ދިވެހި ރާއްޖޭގެ މިނިވަންކަން އަތުލާދުވަހަކުން ގައުމާ ދެކޮޅަށް ބޭނުންކުރާނެ ތަކެތި ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރުގެ ހޯމް މިނިސްޓަރުކަމުގައިވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ގިނަ ބަޔަކު ބުނަމުންދާތީވެ އުމަރު ވިދާޅުވީ، ކެބިނެޓްގެ ނޭޝަނަލް ސެކުއުރިޓީ ކައުންސިލުގައި، އެބޭފުޅާވެސް ހިމެނިގެން 2014 ވަނަ އަހަރު ނިއްމާފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާ އާއެކު 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުން އިތުރަށް އާ ނުކުރުމަށާއި، އެގްރީމެންޓް ހަމަވުމުން ސިފައިން އަނބުރާ ފޮނުވާލުމަށް ކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ވަނީ، ރައީސް ނަޝީދުގެ ސަރުކާރާއި އިންޑިއާ ސިފައިންނާ ދެމެދު ވެފައިވާ މި އެއްބަސްވުމުގެ މުއްދަތު ހަމަވި ދުވަހު އެ އެއްބަސްވުމުގައި ވާގޮތަށް އިންޑިއާ ސިފައިން އަނބުރާ ދިއުމަށް އަމުރުކޮށްފައިކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ސަރުކާރުން ވަކިވި ފަހުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވި ދުވަހު، ރައީސް ޔާމީން ވަނީ އެދުވަހުގެ ނިއްމުން ތަންފީޒު ކުރައްވާ، ސިފައިން އަބުރާ ފޮނުވާލަން އަމުރުކޮށްފައި" އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު އިތުރަށް ވިދާޅުވީ، ރައީސް އިބްރާހީމް ޞޯލިހްގެ މި ސަރުކާރުގައި، އިންޑިއާ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން އަލުން އާކޮށްދީފައިވާކަމަށާއި، ސަރުކާރުން މިވަނީ އިންޑިއާގެ އިތުރު މިލިޓަރީ ވަސީލަތްތަށް ރާއްޖެ ގެނައުމަށް އެއްބަސްވެފައިވާކަމަށެވެ.

އުމަރު ވިދާޅުވީ، ހެލިކޮޕްޓަރުފަދަ މިލިޓަރީ ހާޑްވެއަރ ތަކަކީ މި ގައުމުގެ މިނިވަންކަން އަތުލާދުވަހަކުން ގައުމާ ދެކޮޅަށް ބޭނުންކުރާނެ ތަކެތިކަމަށެވެ.

މި ކަމާއި ދެކޮޅަށް އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން “އިންޑިއާ ސިފައިން ފައިބާ” ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިއްޔެ ޤައުމީ ހަރަކާތް އިއުލާންކޮށްފައިވާއިރު، މިފަދަ ކަމެއް ވިޔަނުދީ، ދިވެހި ގައުމިއްޔަތު ހޭލައްވަން ކުރަން ޖެހޭ މަސައްކަތްތަށް ކުރައްވަމުންދާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"މިއީ ސްލޯ 'އިންވޭޝަންއެއް". ދިވެހިންނަށް ހޭލެވޭއިރު ފިލްމު އޮންނާނީ ނިމިފަ. އެ ސަބަބަށްޓަކައި ދިވެހި ޤައުމިއްޔަތު ހޭއްލައްވަން އަޅުގަނޑު ކުރާ މަސައްކަތެއް މިކުރަނީ" އުމަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް