ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ ޚިޔާލީ އެއްޗެއް ނޫންކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޢަލީ ޒާހިރު މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖޭގައި އިންޑިއާގެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމާއި، އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމާ ދެކޮޅަށް އުމަރު ނަސީރު ޤައުމީ ހަރަކާތެއް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
"ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަކީ ސިޔާސީ ބޭނުމަށް ބަޔަކު ހަޤީގަތް ނޭނގިތިބެ ދައްކާ ޚިޔާލީ ވާހަކަތަކަކަށް ބިނާވެފައިވާ އެއްޗެއް ނޫން. އެއީ އެއަށްވުރެ މާ ސާފު މާ ހަރުދަނާ އެއްޗެއް." ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޢަލީ ޒާހިރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ މަތީ މަސްލަހަތަކީވެސް މިނިވަންކަމާ ސިޔާދަތު ކަށަވަރުކޮށް ދެމެހެއްޓުން ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ ޚިޔާލީ އެއްޗެއް ނޫންކަމަށް ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވިއިރު، އަވަށްޓެރި އިންޑިއާގައި ޑިފެންސް މިނިސްޓަރު އަލްއުސްތާޛު މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅާ މެދުގައިވެސް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ.