މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމާފައިވާ ކަމަށް ވިދާޅުނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ވިދާޅުވެފައިވަނާނީ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމާ ގުޅޭގޮތުން ހެދި އޮޑިޓުން، އެވަރަށް ސްކޫލް އިތުރުކުރަންޖެހޭކަން ފާހަގަވި ވާހަކަ ކަމަށެވެ.
ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ހެދި ރިޕޯޓު ނެރުމަށް ރޭ މުހްޔިއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވަނީ، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ ކްލާހާއި ވަސީލަތްތައް ނެތުމުގެ ސަބަބުން މާލެ ސަރަހައްދުގައި އިތުރު ސްކޫލުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިކަން ސާފުކޮށްދެއްވައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަންނަން ހެދި އޮޑިޓުގައި، މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރަން އިތުރު 10 ސްކޫލު ބޭނުންވާކަން އެނގުނު ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވީ މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމި ވާހަކައެއްނޫން. އެގޮތަށް އޮޑިޓުން ދެއްކި ވާހަކަ. ދިރާސާތަކުން ދައްކާގޮތުގައި ސްކޫލެއް ފުރިހަމަގޮތުގައި ހިންގުމަށް ސްކޫލު ސައިޒު 800-1000 ގައި ބަހައްޓަން ޖެހޭ،" މިނިސްޓަރުގެ ޓްވީޓުގައި ވެ އެވެ.
ދިވެހިރާއްޖޭގައި މިވަގުތު ހުރި 213 ސްކޫލްގެ ތެރެއިން އެއް ދަންފަޅިއަށް ބަދަލު ކުރެވިފައި ނުވަނީ 62 ސްކޫލެވެ. އޭގެ ތެރޭގައި މާލެގެ 13 ސްކޫލެއްވެސް ހިމެނެއެވެ. ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ އޮޑިޓުން ދައްކާގޮތުން 2023 ވަނަ އަހަރު އައުމުގެ ކުރިން ހުރިހާ ސްކޫލެއް އެއްދަންފަޅި ކުރުމަށް 838 ކްލާސްރޫމާއި ވަސީލަތްތައް ގާއިމްކުރަން 237.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެއެވެ.




