ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރާއްޖެއިން އިންޑިއާ އާއެކު މުއާހަދާއެއްގައި ސޮއިކުރަން ރައީސް ޞޯލިޙް ނިންމަވައިފިއެވެ.
ރާއްޖެއިން ސޮއިކުރަން ނިންމަވާފައިވަނީ، "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި މުއާހަދާގެ ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާޢީ ކުށްތައް ހުއްޓުވުމަށް އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމުގެ އިތުރުން ކޯޓަށް ހާޟިރުކުމުގައާއި، ކޯޓު އަމުރު ތަންފީޒުކުރުމުގައާއި އެހެނިހެން ޝަރުޢީ ކަންކަމުގައި އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ބޭނުންވާކަން ދަނެ، އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.
އަދި މިފަދަ މުޢާހަދާތަކުގެ ދަށުން ކުށް މަދުކުރުމަށާއި، ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަހުޤީޤުކުރުމަށް ދެޤައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުންދިނުމަށާއި، ޓެރަރިޒަމާއި ޓެރަރިޒަމްގެ ޙަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާޢީ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ، ތަޙުޤީޤުކުރުމާއި ޝަރީޢަތްކުރުން ހަރުދަނާކުރުމުގެ ބޭނުމުގައި އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
"މި ޓްރީޓީގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި އަދި މި ޓްރީޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާޢީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެ. މީގެ ތެރޭގައި މައްސަލަ ތަޙްޤީޤުކުރުމުގައާއި، ޝަރީޢަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނޭ." ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި މުއާހަދާގެ ސަބަބުން މިހާރު ޢާންމުވެފައިވާ ކުށްކުރުމާއި އަދި ޚާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށާއި، މިފަދަ މައްސަލަތަކުގެ ތަޙުޤީޤުތައް ކުރިއަށް ގެންދިއުމަށާއި އަދި މައްސަލައާގުޅޭ ގޮތުން ހޯދަންޖެހޭ ހެކި ހޯދުމުގައާއި ތަޙުޤީޤުކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުޞަތުވެސް ފުޅާވެގެންދާނެ ކަމަށެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، އިންޑިޔާގެ އިތުރުން ސްރީލަންކާ، ޔޫ.އޭ.އީ، އަދި ރަޝިޔާ އާއެކުވެސް މިފަދަ މުއާހަދާގައި ސޮއިކުރުމާ ބެހޭ މަޝްވަރާތައް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.



