ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބު ވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތި ނުލެއްވޭ ގޮތަށް ޤާނޫނުގައި އޮތް މާއްދާ ބާޠިލް ކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލް ކޮށްފިއެވެ.
ރައީސް ޞޯލިޙްގެ ސްޕެޝަލް އެންވޯއީ، ހ.ތިމާވެށި، ޢަބްދުﷲ ޖާބިރު އަދި ހއ. އިހަވަންދޫ، އަންބަރީގޭ ޢަބްދުލްމާނިޢު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:15 އަށެވެ.
މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މައްސަލަ ހުށަހެޅުއްވުމަށްފަހު ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް ޤާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެވިފައިވާ ކަމަށާއި، އޭގެ ބޭރުން ޝަރުތުކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށެވެ.
ދިވެހި ދައުލަތަށް ރައްދުވާ މި މައްސަލަ ބައްލަވާނީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފުރިހަމަ ބެންޗުންނެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ އަރީފް އަދި ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދެވެ.