ދިވެހިރާއްޖޭއްގެ ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، ސަޢުދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
ފޮރިންގ މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލެންސީ ޑރ. އިބްރާހިމް ބިން ޢަބްދުލްއަޒީޒް އަލްއައްސަފްއާއި، ސަޢޫދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދުއޮތް ގާތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއަށް ވެދެވޭނެ އެހީތެރިކަމާއިމެދު މިދަތުރުފުޅުގައި މަޝްވަރާކުރެވޭނެ." ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އަލްފާޟިލާ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަލްފާޟިލް އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އެމަނިކުފާނުގެ ޚާރިޖީ ވަޒީރުކަމުގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.