މާލެ ސަރަހައްދުގައި ޗިކުންގުންޔާ ފެތުރެނީ

މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ މިދުވަސްވަރު މާލެ ސަރަހައްދުގައި އިތުރުވަމުން އަންނަ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭގެ އޮފިޝަލަކާ ހަވާލާދީ "މިހާރު" އިން ވިދާޅުވީ މިދިޔަ މަހުގެ 15 އިން މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ޗިކުންގުންޔާ ޖެހިގެން 63 މީހަކު ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ.

"ރާއްޖޭގެ އެހެން ހިސާބަކުން އެބަލި ފެނޭތޯ އަޅުގަނޑުމެން ބަލަމުން މި އަންނަނީ. މިހާތަނަށް ފާހަގަވެފައިވަނީ މާލެ ސަރަހައްދުން އެކަނި،" އެޗްޕީއޭ އިން "މިހާރު" އަށް ވިދާޅުވެފައިވެއެވެ.

އެ ބައްޔަށް އާއްމުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތައް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އެއީ މަދިރީގެ ސަބަބުން ޖެހޭ ބައްޔަކަށް ވާތީ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ "މިހާރު" އަށް ވިދާޅުވެފައިވެއެވެ.

މަދިރީގެ ސަބަބުން ފެތުރޭ މިބަލިޖެހެނީ ބަލީގެ ޖަރާސީމު ހުރި މީހެއްގެ ގައިން މަދިރި ލޭ ބުއިމަށް ފަހު އެހެން މީހެއްގެ ގައިންލޭ ބުއިމުގެ ތެރޭގައި ޖަރާސީމު އަނެކާގެ ހަށިގަނޑަށް ވާސިލްވުމުގެ ސަބަބުންނެވެ. މި ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު، ދެ ދުވަހާއި 12 ދުވަސް، ބައެއްފަހަރު ތިން ދުވަސް ނުވަތަ ހަތް ދުވަސް ތެރޭގައި މިބަލީގެ އަލާމާތްތައް ފެނަންފަށާނެއެވެ.

ބޮލުގައިރިއްސުމާއި، ހުޅުހުޅުގައި ރިއްސައި ގައިން ބިހިނެގުންމާއި، ވަރުބަލިވުން އިތުރުވުމާއި، މޭނުބައިކުރުމާއި، ހޮޑުލެވުމުގެ އިތުރުން ކާހިތްނުވުމަކީ މި ބަލީގެ އަލާމާތްތަކުގެތެރޭގައި  ހިމެނޭ ކަންކަމެވެ. ވަކި ހާއްސަ ވެކުސިނެއް، ބޭހެއް ހޯދިފައިވާ ނުވާ މިބަލިން ރައްކާތެރިވުމަށް މިކަހަލަ އަލާމަތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަންވާނެއެވެ. ނަމަވެސް ޑެންގީ ހުން ފަދައިން މި ބައްޔަށް ވެސް ދެވޭ ފަރުވާ ހުރެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ