ފުލުހުންގެ ރިޒާވް ފޯސްގެ ވަޒީފާއަށް މީހުން ހޯދަނީ

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް މީހުން ހޯދުމަށް ހުޅުވާލައިފި އެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ގްރޭޑް 10 ނިންމާފައިވާ މީހަކަށް ވާންޖެހޭކަމަށާއި، މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވުމާއެކު، ފިރިހެނެއްނަމަ އިސްކޮޅު 5 ފޫޓް 2 އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުވެގެން ނުވާނެ ކަމަށެވެ. އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަމާއި، ޓެކުމާއި، މަކަރާއި ޙީލަތް ހެދުމާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމައި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

މީގެއިތުރުން ވަޒީފާއަށް ކުރިމަތިލާ މީހާއަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި، ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭއިރު،  އެމީހަކީ ސްޕެޝިއަލް ކޮންސްޓެބުލަރީ ވަޒީފާގައި ދެ އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބުމަށްފަހު، ޕޮލިސް ކޮންސްޓަބަލް މަޤާމަށް ބަދަލުވުމަށް ޝައުގުވެރިވާ ފަރާތެއްކަމުގައިވާން ޖެހެއެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި އެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން އެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.

ރިޒާވް ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އަންނަ މޭ މަހުގެ 12 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ހުޅުވާލާފައިވާއިރު، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ އާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

މީގެ އިތުރުން ނެގިފަހުން ތިން މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ދެ ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީއާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ އެވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ވަޒީފާ އަލަށް ދެނީ ކިތައް މީހުނަށްކަން ފުލުހުން ވިދާޅުވެފައި ނުވާއިރު، މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެކަމަށާއި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށްކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ